އެޗްއާރުސީއެމްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު ހަނދާން ނެތިގެން އާއިލީ ޒިންމާ ފޯމު ނުލާތީ ނުދާ ދުވަހެއް ކަމަށް ބަލައި މުސާރައިން ކެނޑުމުން ކެނޑި ބައި ދިނުމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން އަންގައިފި އެވެ.

އެޗްއާރުސީއެމްގައި ވަޒީފާ އަދާކުރާ އއ. އުކުޅަސް، ފިނިފެންބަގީޗާގޭ އަބްދުލް މުހުސިން ހުސައިން ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް މައްސަލަ ހުށަހަޅާފައި ވަނީ އާއިލީ ޒިންމާގެ ޗުއްޓީއެއް ނަގާކަން އެސްއެމްއެސްއަކުން އެންގުމަށް ފަހު އެންމެ އަވަހަށް އޮފީހަށް ދިޔަ ދުވަހު އެޗްއާރުސީއެމްގައި ވަޒީފާ އަދާ ކުރަމުންދާ މުވައްޒަފަކު ހަނދާން ނެތިގެން އާއިލީ ޒިންމާ ފޯމު ނުލާތީ ނުދާ ދުވަހެއް ކަމަށް ބަލައި މުސާރައިން ކެނޑުމުން އެބައި ލިބިދިނުމަށް އެދި އެވެ.

އެ ދުވަހަކީ ނުދާ ދުވަހެއް ކަމަށް ބަލައި ފެބުރުއަރީ 2016 ގައި މުސާރަދިން އިރު މުސާރައާ ސާވިސް އެލަވަންސުން އެއް ދުވަހަށް ޖެހޭ މިންވަރު އުނިކޮށްފައިވާ ކަމަށް މުހުސިން ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި އެޗްއާރުސީއެމްގެ ފަރާތުން ޖަވާބުދާރީވަމުން ބުނެފައިވަނީ މުހިސިންގެ މުސާރައާ ސާވިސް އެލަވަންސުން އެއްދުވަހަށް ޖެހޭ މިންވަރު ކެނޑީ އެ ކޮމިޝަނުގެ 'ސަލާމް ބުނުމާއި މުވައްޒަފުންނަށް ދެވޭ ޗުއްޓީގެ އުސޫލު' ގެ އަށްވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އާއިލީ ޒިންމާ ނެގުމަށްފަހު އޮފީހަށް ނުކުން ފުރަތަމަ ދުވަހުގެ 14:00 ގެ ކުރިން އާއިލީ ޒިންމާ ފޯމު ނުލާތީ ކަމަށެވެ.

މައްސަލަ ބަލައި ޓްރިބިއުނަލުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ ގަވާއިދުގައި ވަކި ގަޑިއަކަށް ފޯމު ލާން ޖެހޭނެ ކަމަށް ބުނި ނަމަވެސް ފޯމު ނުލައިފިނަމަ ކަން ކުރާނެ އުސޫލެއް ކަނޑައަޅާފައި ނެތް ކަަމަށެވެ.

އެހެންކަމުން މުހުސިނުގެ މުސާރައިންނާއި ސާވިސް އެލަވަންސުން އެއްދުވަހަށް ވާ ބައި ކަނޑަން ނިންމާފައި ވަނީ 'ސަލާމް ބުނުމާއި މުވައްޒަފުންނަށް ދެވޭ ޗުއްޓީގެ އުސޫލު' ގެ އަށްވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިންކަން ކަނޑައަޅާނެ ތަނެއް ނެތްކަމަށް ޓްރިބިއުނަލުގެ ނިންމުމުގައި ބުނެފައިވެ އެވެ.

މުހުސިނުގެ މުސާރައިންނާއި ސާވިސް އެލަވަންސުން ކެނޑިބައި 10 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ދިނުމަށް ޓްރިބިއުނަލުން ވަނީ އެޗްއާރުސީއެމްއަށް އަންގާފަ އެވެ.