15 Aug 2016, 13:52
ސަތާރަ އަހަރަށް ފަހު 400 މީޓަރު ދުވުމުގެ ދުނިޔޭގެ ރެކޯޑު މުގުރުލާމަށް ފަހު، ސައުތު އެފްރިކާގެ ވޭޑް ވޭން ނީކާކް ރަން މެޑެއްޔެއް ހޯދައިފި އެވެ.
ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ 400 މީޓަރު ދުވުން އުމުރުން 24 އަހަރުގެ ދުވުންތެރިޔާ ނީކާކް ނިންމާލާފައި ވަނީ 43.03 ސިކުންތުންނެވެ. އެއީ މީގެ 17 އަހަރު ކުރިން މައިކަލް ޖޯންސަން ހެދި ރެކޯޑަށްވުރެ 0.15 ސިކުންތު އަވަސް ވަގުތެކެވެ.
އެ ދުވުމުން ރިހި މެޑެއްޔެއް ހޯދާފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި 2012 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސް އިން ރަން މެޑެއްޔެއް ހޯދި ގްރެނޭޑާ ކިރާނީ ޖޭމްސް އެވެ. ނީކާކް އަށް ވުރެ 0.73 ސިކުންތު ލަހުން ޖޭމްސް އަށް ރޭސް ނިންމުނު އިރު، އެ އިވެންޓުން ލޯ މެޑެއްޔެއް ހޯދާފައި ވަނީ އެމެރިކާގެ ލަޝޯން މެރިޓް އެވެ.
ނީކާކްއާ ބެހޭ ގޮތުން އޮލިމްޕިކްސް 2012ގެ ރަން މެޑެއްޔެއް ހޯދި ޖޯންސަން ބުނީ، ނީކާކް ހޯދާފައި ވަނީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި އުސައިން ބޯލްޓް ރިޓަޔާކުރުމުން ކުރިއަށްއޮތްތާ ނީކާކް އަކީ ތަރިއަކަށް ވެގެންދާނެ ކަމަށެވެ.