15 Aug 2016, 13:33
ދުންފަތް އިސްތިހާރު ވާގޮތަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރާތީ ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުގެ ބާވަތްތައް ބަލައި ފާސްކުރުން އިތުރަށް ހަރުދަނާ ކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ފަހަކަށް އައިސް ރާއްޖެ އެތެރެކުރާ ކެމަލް ބުރޭންޑުގެ ސިނގިރޭޓު ފިތަކުގެ ތެރެއަށް ކުޑަ ކަރުދާސްކޮޅެއް ލައި އެބުރޭންޑް އިސްތިހާރު ކުރުމަށްދަނީ ފުޅާ ކެމްޕެއިނެއް ހިންގަމުންނެވެ.
ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު މިއަދު ސަން އަށް ވިދާޅުވީ، ރާއްޖެ އެތެރެކުރާ ސިނގިރޭޓް ދޫކުރުމުގައި ވަރަށް ބޮޑަށް ބަލާ ފާސްކުރަމުން އަންނަ ކަމަށެވެ. ގަވައިދާ ހިލާފް ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަންކަން ހުއްޓުވާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސިސްޓަމްގެ ތެރެއިން ހުރިހާ ޕޯޓްތަކަށް މިހާރު ވާނީ އެކަން ސާކިއުލޭޓް ކުރެވިފައި، ދެން މިކޮޅުން ސިސްޓަމަށްވެސް އެލާޓް ދާ ނިޒާމްގެ ތެރެއަށް އޭވި ވަނީ ލެވިފައި،" ނިޔާޒު ވިދާޅުވިއެވެ.
ދުންފަތް ކޮންޓުރޯލް ކުރާ ގާނޫނު ބުނާ ގޮތުން އެއްވެސް ސިފައެއްގައި ރާއްޖޭގައި ދުންފަތް އިސްތިހާރު ކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް އެކަން ތަންފީޒެއްނުވެ އެވެ.