ދިހަ ރަށެއްގެ ނަރުދަމާގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އިން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އަތޮޅުތެރޭގެ ގިނަ ރަށްރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ބައެއް ރަށްރަށުގެ ނަަރުދަމާގެ އަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާ ކަމަށެވެ. އެގޮތުން ދިހަ ރަށެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ އިރު މިހިނގާ އޯގަސްޓު މަހު ތެރޭގައި ހަ ރަށެއްގެ ނަރުދަމާގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން މި އަހަރު 38 ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރެއިން 27 ރަށެއްގެ ނަރުދަމާ ނިޒާމުގެ ތަފްސީލީ ޑިޒައިނާއި ޓެންޑާ ޑޮކިއުމަންޓް ހެދުމުގެ މަސައްކަތް މިހާރު ކުންފުނިތަކާ ހަވާލުކުރެވި އެ މަސައްކަތް ކުރިއަށްދާއިރު އެ 27 ރަށުގެ ތެރެއިން ނުވަ ރަށެއްގެ ތަފްސީލީ ޑިޒައިން ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެ ނުވަ ރަށުގެ އަމަލީ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ޕީއެސްއައިޕީ ބަޖެޓުން 38 ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރާއިރު 16 ރަށެއްގެ ނަރުދަމާގެ މަސައްކަތް ބޭރުގެ ލޯނު އެހީ އާ އެކު ކުރިއަށް އެބަދެ އެވެ.

މިނިސްޓްރީ އިން ބުނީ ބޭރުގެ ލޯނު އެހީގެ ދަށުން ނަރުދަމާގެ ނިޒާމް ގާއިމް ކުރާ 16 ރަށުގެ ތެރެއިން ހަ ރަށެއްގެ ޑިޒައިން މަރުހަލާ ނިމި ކޮންޓްރެކްޓަރާ ހަވާލު ކުރެވިފައިވާ ކަމަށެވެ. އެ ހަ ރަށަކީ ނ. ވެލިދޫ، ރ. ހުޅުދުއްފާރު، ބ. ތުޅާދޫ، ގދ. ގައްދޫ އަދި ގއ. ކޮލަމާފުށީގެ އިތުރުން ޏ. ފުވައްމުލަކެވެ. އެ ހަ ރަށުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް މިނިސްޓްރިން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ ލޯނު އެހީގެ ދަށުން ފަސް ރަށެއްގެ ތަފްސީލީ ޑިޒައިން އާއި ޓެންޑަރ ޑޮކިއުމަންޓްތައް ނިންމާ ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އިތުރު ފަސް ރަށެއްގެ ޑިޒައިން މަރުހަލާ މިމަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

މި އަހަރު 54 ރަށެއްގެ ނަރުދަމާ ގާއިމް ކުރުމަށް 2016 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ. އޭގެ ތެރެއިން 38 ރަށެއްގެ ނަރުދަމާގެ މަސައްކަތް ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު 16 ރަށެއްގެ ނަރުދަމާ ގާއިމް ކުރުމަށް ހަމަޖެހިފައި ވަނީ ލޯނު އެހީގެ ދަށުންނެވެ.