29 May 2011, 09:39
ޤާހިރާ : މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް ރައްޔިތުން މުޒާހަރާކުރަމުން ދިޔަ ދުވަސްވަރު އެކަމަށް ހުރަސްއެޅުމުގެ ގޮތުން މޯބައިލް ފޯނާއި އިންޓަރނެޓްގެ ޚިދްމަތް ކަނޑާލި މައްސަލާގައި މުބާރަކާއި އޭނާގެ ސަރުކާރުގެ ބޮޑުން 540 މިލިޔަން މިސްރު ޕައުޑުން (90 މިލިޔަން އެމެރިކާ ޑޮލަރުން) ޖޫރިމަނާ ކުރުމަށް ޤާހިރާގެ ކޯޓަކުން ޙުކުމް ކޮށްފި އެވެ.
މިޙުކުމް ބުނާ ގޮތުން މުބާރަކާއި އޭނާގެ އަޢުވާނުންގެ އަމުރަށް މޯބައިލް ފޯނާއި އިންޓަނެޓްގެ ޚިދްމަތް ކަނޑާލުމުގެ ސަބަބުން މިސްރުގެ އިޤްިސާދަށް 540 މިލިޔަން މިސްރު ޕައުޑުގެ ގެއްލުމެއް ވަނީ ލިބިފަ އެވެ. އެހެންކަމުން މިގެއްލުމުގެ އަގު އަދާކުރަން ޖެހޭނީ މުބާރަކާއި އޭނާގެ ޢަޢުވާނުންނެވެ.
މިޙުކުމްގައިވާގޮތުން މިމައްސަލާގައި ޖޫރިމަނާއެއްގެ ގޮތުގައި މުބާރަކް ދައްކަން ޖެހޭނީ 200 މިލިޔަން މިސްރު ޕައުންޑެވެ. މުބާރަކްގެ ސަރުކާރުގެ ބޮޑުވަޒީރަކަށް ހުންނެވި އަޙްމަދު ނަޒީފް ދައްކަވަން ޖެހޭނީ 40 މިލިޔަން މިސްރު ޕައުންޑެވެ. އަދި އޭރު މިސްރުގެ ދާޚިލީ ވަޒީރު ކަމުގައި ހުންނެވި ޙަބީބުލްޢާދިލީ ދައްކަވަން ޖެހޭނީ 300 މިލިޔަން މިސްރު ޕައުންޑެވެ.
ރައްޔިތުން އުތުރިއެރުމުގެ އިނޤްިލާބެއްގައި މުބާރަކްގެ ވެރިކަން ވެއްޓުނީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. އެއަށް ފަހު މިސްރުގެ ވެރިކަމާ ޙަވާލުވި ޢަސްކަރީ މަޖިލީހުންވަނީ މިސްރުގެ ޕާލަމެންޓް އުވާލައި ޤާނޫނު އަސާސީއަށް ޢަމަލުކުރުން ހުއްޓާލައި އާ ޤާނޫނު އަސާސީއެއް އެކުލަވާލައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެއަށް އާ ބަސް ހޯދާފަ އެވެ.
ނަމަވެސް އާ ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އިންތިޤާލީ މަރްޙަލާ ނިމުމަށްފަހު ދިމުޤްރާތީ އިންތިޚާބެއް ބާއްވައިގެން ދިމުޤްރާތީ ސަރުކާރެއް އިންތިޚާބުކޮށްގެންނެވެ. އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅުގަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހޮސްޕިޓަލުގައި އޮންނެވި މުބާރަކްގެ މައްޗަށް ނުރައްކާތެރި އެތަށް ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. މީގެތެރޭގައި އޭނާގެ ވެރިކަން ވައްޓާލުމަށް މުޒާހަރާ ކުރި މީހުންގެ ގަޔަށް ބަޑިޖެހުމަށް އަމުރު ކުރެއްވުން ހިމެނެ އެވެ. މުބާރަކްގެ އަމުރަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން 800 އަށް ވުރެ ގިނަމީހުން މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވެފައިވެ އެވެ.
މިމައްސަލަ ސާބިތުވެއްޖެ ނަމަ ދަންޖައްސައި މެރުމުގެ ޙުކުމެއް މުބާރަކްގެ މައްޗަށް އަންނާނެ އެވެ. (ބީ.ބީ.ސީ)