15 Aug 2016, 14:33
އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަކިލޭޝް މިޝްރާ، ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންނަށް ފޮނުއްވައިފި އެވެ.
މިއަދަކީ އިންޑިއާގެ 70 ވަނަ މިނިވަން ދުވަހެވެ.
އިންޑިއާ ރައްޔިތުންނަށް ސަފީރު މިއަދު ފޮނުއްވި މެސެޖުގައި އޭނާ ވަނީ މިނިވަން ދުވަހަކީ، އިންޑިއާގެ މިނިވަން ކަމަށް ޓަކައި ހަނގުރާމަ ކުރި ފަރާތްތަކުގެ ހަނދާން އާކޮށް އެމީހުން ފަދައިން ގައުމުގެ ހިދުމަތަށް އިސްކަންދޭންވީ މުނާސަބަތެއް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ސަފީރު ވަނީ އަމިއްލަ އެދުންތަކުގެ ކުރިއަށް ގައުމު އިސް ކުރުމަށް ގޮއްވާލައްވައިފަ އެވެ.
އަދި 1947 ވަނަ އަހަރު އިންޑިއާ އަށް މިނިވަންކަން ލިބުނު ފަހުން އެ ގައުމު ވަނީ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އެތައް ކުރިއެރުންތަކެއް ހޯދާފައި ކަން އަކިލޭޝް ފާހަގަ ކުރެއްވި އެވެ. އަދި އެފަދަ ކުރިއެރުންތަކާ އެކު ވެސް އިންޑިއާގެ ހުރިހާ ރައްޔިތުން އެކުލެވޭ ގޮތަށް ގައުމު ތަރައްގީ ކުރުމަށް ކުރާ މަސައްކަތް އިތުރުކޮށް ހަލުވި ކުރަން ޖެހޭ ކަމަށް މެސެޖުގައި ވިދާޅުވި އެވެ.
މީގެ އިތުރުން އިންޑިއާގެ ސަފީރު ވަނީ ރާއްޖެ އިން އިންޑިއާ ރައްޔިތުންނަށް އަދާ ކުރާ މެހުމާންދާރީ އަށާއި ފޯރުކޮށްދޭ އެހީތެރި ކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ދެ ގައުމުގެ މެދުގައިވާ ގުޅުންތައް އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.