ލަންޑަން (އޮގަސްޓް 15): ސީރިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ވޭތުވެދި ދެ ދުވަސް ތެރޭ އެ ގައުމުގެ 180 އާއްމުން މަރާލާފައިވާ ކަމަށް ސީރިއާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގުރޫޕުތަކުން ބުނެފި އެވެ.

ލޯކަލް ކޯޑިނޭޝަން ކޮމިޓީން ބުނި ގޮތުގައި ހުކުރު ދުވަހުން ފެށިގެން މަރުވި 180 އާއްމުންގެ ތެރޭގައި 22 ކުޑަކުދިންނާއި 23 އަންހެނުން ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ އަލެއްޕޯ ޕްރޮވިންސުންނެވެ.

ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވެސް ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެ ގައުމުގެ ހަނގުރާމައިގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ބުނެފަ އެވެ. އޮބްޒަވޭޓަރީން ބުނި ގޮތުގައި ފާއިތުވި 15 ދުވަހުގެ ތެރޭގައި އަލެއްޕޯއިން ވަނީ 327 އާއްމުން މަރުވެފަ އެވެ. އޭގެ ތެރޭގައި 76 ކުޑަކުދިންނާއި 41 އަންހެނުން ހިމެނޭ ކަމަށް އޮބްޒަވޭޓަރީން ބުންޏެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އަލެއްޕޯއިން މަރުވި މީހުންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން މަރުވެފައި ވަނީ ސީރިއާ ސަރުކާރުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުންނެވެ. އަދި 126 މީހަކު މަރުވެފައި ވަނީ ސަރުކާރުން ހިފާފައިވާ ސަރަހައްދުތަކަށް އިދިކޮޅު ފަރާތްތަކުން ދިން ހަމަލާތަކުގެ ސަބަބުންނެވެ.

މީގެ ފަސް އަހަރު ކުރިން ފެށުނު ސީރިއާ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 280،000 އަށް އަރާނެ ކަމަށް އދ. ލަފާ ކުރެ އެވެ. (އަލްޖަޒީރާ)