ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށް ބުނެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު މަޖިލީހުގެ ތަޅުމުން މިއަދު ނެރެފި އެވެ.

އޭނާ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުން ނެރުމަށް ނަންފުޅު އިއްވެވީ ރިޔާސަތުގައި އިންނެވި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ މަޖިލިސް ދޫކުރައްވައި މެމްބަރަކު ވަޑައިގަތުމަށް ރިޔާސަތުން ނަން އިއްވައިފިނަމަ އެ މެމްބަރަކަށް އެ ޖަލްސާއެއްގެ ބާކީ އޮތް ބައިގައި ބައިވެރިނުވެވޭނެ ކަމަށެވެ. އަދި އެ މެމްބަރަކު ޖަލްސާ ދޫކުރައްވައި ވަގުތުން ދާންޖެހޭނެ ކަމަށާއި ނަން އިއްވި ވަގުތުން ފެށިގެން އެ މެމްބަރަކު މަޖިލީހުގައި ހާޒިރުވެ ނެތް ކަމަށް ބަލަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައިވެ އެވެ.

އާޒިމްގެ ނަން ރިޔާސަތުން އިއްވެވީ މަޖިލީހަށް މިއަދު ހުށަހެޅި އެއްވެއުޅުން ހަނިކުރާ ބިލުގެ ބަހުސްގައި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވާހަކަފުޅު ދައްކަވަމުން ދަނިކޮށް، އޭނާއަށް އުނދަގޫވާނެ ގޮތަށް އަޑުގަދަ ކުރެއްވުމުންނެވެ.

އެ ގަވާއިދުގައި ބުނެފައި ވަނީ ނަން އިއްވާ މެމްބަރަކު މަޖިލީހުގެ ތަޅުން ދޫ ނުކުރައްވައިފިނަމަ ކޮމެޓީތަކުގެ ހާޒިރީން 55 ޕަސެންޓް އުނިކުރަން ޖެހޭނެ ކަމަށެވެ. ކޮމެޓީތަކުގެ ހާޒިރީން ބައެއް އުނިކޮށްފިނަމަ 20،000 ރުފިޔާގެ ކޮމެޓީ އެލަވަންސުން ބައެއް އުނިވާނެ އެވެ. ތަޅުން ދޫ ނުކުރައްވައިފިނަމަ ކުރިއަށް އޮތް ތިން މަހު މަޖިލީހުގެ އެއްވެސް ދަތުރެއްގައި ބައިވެރިނުވެވޭނެ ކަމަށް ވެސް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެ އެވެ.