ސޯފިޔާ : އިރުމަތީ ޔޫރަޕްގެ ޤައުމެއްކަމަށްވާ ބަލްގޭރިޔާގެ މުސްލިމުންނަށް އަމާޒުކޮށްގެން ދެމުންގެންދާ ޙަމަލާތައް އެޤައުމުގެ ބަރުލަމާނުން (ޕާލަމެންޓުން) ކުށްވެރިކޮށްފިއެވެ.

ބަލްގޭރިޔާގެ ބަރުލަމާނުގެ އަޣްލަބިއްޔަތުން އިއްޔެ ފާސްކުރި ޤާރާރެއްގައި ސޯފިޔާގެ އެންމެ ބޮޑު މިސްކިތުގައި މުސްލިމުން ހުކުރު ނަމާދުކުރަނިކޮށް ނަސާރާއިންގެ ހަރުކަށި ޕާޓީ އެއްގެ ބަޔަކު ދާދިފަހުން ދިން ޙަމަލާއަކީ ބަލްގޭރިޔާގެ އެންމެހާ ރައްޔިތުން ލަދުގަންނަންޖެހޭ ދަށުދަރަޖައިގެ ޙަމަލާއެއް ކަމަށް ސިފަކޮށް އެޙަމަލާ ކުށްވެރިކޮށްފައިވެއެވެ.

މިމަހުގެ 20 ވީ ހުކުރުދުވަހު ނަސާރާއިންގެ އަކާޓާ ޕާޓީ އިސްވެ އޮވެގެން ދިން އެޙަމަލާގައި މުސްލިމުންގެ އެތަށްބަޔަކު ޒަޚަމްވެ އެމިސްކަތަށް ގެއްލުން ލިބިފައިވެއެވެ. ކުރީގެ ސޮވިއެޓް ޔުނިޔަންގެ ނުފޫޒުގެ ދަށުގައިއޮތް ބަލްގޭރިޔާއަކީ މިހާރު އެެމެރިކާގެ ނުފޫޒުގެ ދަށުގައިވާ ޤައުމެކެވެ. ބަލްގޭރިޔާގެ މުސްލިމުންގެ ނިސްބަތަކީ 13 އިންސައްތައެވެ. މީގެތެރޭގައި ގިނައީ ތުރުކީ ދަރިކޮޅުގެ މުސްލިމުންނާއި ޔޫރަޕްގައި ނިކަމެތިކޮށްލެވިފައިވާ ރޯމާ ދަރިކޮޅުގެ މުސްލިމުންނެވެ.

ބަލްގޭރިޔާގައި މުސްލިމުންނަށް ފާޅުގައި ޖެއްސުން ކުރުމާއި މުސްލިމުން ނަމާދަށްތިއްބައި އެމީހުންނަށް އޮއްގަލުން ޙަމަލާ ދިނުމާއި މިސްކިތްތަކުގެ މުންނާރަށް ޙަމަލާދިނުމާއި ކީރިތި ޤުރްއާނަށް އިހާނާތްކުރުންފަދަ ހަރުކަށި އަދި ދަށުދަރަޖައިގެ ޢަމަލުތައް ނަސާރާއިންގެ ބައެއް ޖަމާއަތްތަކުން ހިންގަމުން ގެންދެއެވެ. މިފަދަ ޢަމަލުތަކަށް އެޤައުމުގެ ބައެއް ސިޔާސީ ފަރާތްތަކުގެ ތާއީދުވެސް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މުސްލިމުންނާ ދެކޮޅަށް މިބާވަތުގެ ޢަމަލުތައް ހިންގާނަމަ އަލްޤާއިދާފަދަ ހަރުކަށި ބައެއް ޖަމާއަތްތަކުގެ ބަދަލު ހިފުމުގެ ޙަމަލާތަކުގެ ޝިކާރައަކަށް ބަލްގޭރިޔާ ވެދާނެކަމުގެ ބިރު އިޙްސާސްކުރާ ކަމަށް އެޤައުމުގެ ބަރުލަމާނުގެ މެންބަރުންނާއި ދުރުވިސްނޭ ސިޔާސީ ފަރާތްތަކުން ބުނެ އިންޒާރު ދެމުން ގެންދެއެވެ. (ނޫސްއެޖެންސީތައް)