15 Aug 2016, 10:29
މެލްބަންގައި ކުރިއަށް ދިޔަ އިންޑިއަން ފިލްމް ފެސްޓިވަލުގައި އެންމެ މޮޅު އެކްޓަރުންގެ ޝަރަފު ސޯނަމް ކަޕޫރު އަދި ނަވާޒުއްދީން ސިއްދީގު ހޯދައިފި އެވެ.
ސޯނަމް އަށް އެންމެ މޮޅު އަންހެން އެކްޓަރުގެ އެވޯޑު ލިބުނީ ފިލްމު "ނީރްޖާ"ގައި އޭނާ ކުޅުނު ރޯލަށެވެ. ނަވާޒުއްދީން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ގެންދިޔައީ "ރާމަން ރާގަވް 2.0" ގައި ކުޅުނު ރޯލަށެވެ.
އެވޯޑަށް ފަހު ނަވާޒުއްދީން ބުނީ އެވޯޑު ލިބުމުން އުފާކުރާ ކަމަށާއި، އަދި އޭނާ އަކީ އެވޯޑު ލިބުން ހައްގު މީހެއް ކަމަށް ގަބޫލު ކުރީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
ނަވާޒުއްދީންގެ ފަހަތުން އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވާދަކުރީ "ބާޖިރާއޯ މަސްތާނީ" އިން ރަންވީރު ސިންގ، "ފޭން" އިން ޝާހުރުކް ޚާން އަދި "އަލީގަރް" އިން މަނޯޖް ޕާޗްޕާއީ އެވެ.

"ކަޕޫރު އެންޑް ސަންސް" ގެ ޕޯސްޓަރެއް. އެ ފިލްމަށް ވަނީ އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބިފައި
ފިލްމު ފެސްޓިވަލުގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ހޯދީ ޝަކުން ބަޓްރާގެ "ކަޕޫރް އެންޑް ސަންސް" އެވެ. އަދި އިންޑީ ކެޓަގަރީ އިން އެންމެ މޮޅު ފިލްމަކަށް ހޮވުނީ ލީނާ ޔާދަވްގެ "ޕާޗްޑް" އެވެ. ލީނާ ޔާދަވް ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ވެސް ހޯދައިފަ އެވެ.

ފަވާދު ޚާން ---
އޭގެ އިތުރުން ޕާކިސްތާނުގެ އެކްޓަރު، ފަވާދު ޚާނަށް ވެސް ވަނީ ސަރުކާރުގެ ފަރާތުން "ސްޕެޝަލް ޑައިވާސިޓީ"ގެ ނަމުގައި އެވޯޑެއް ދީފަ އެވެ.
ފެސްޓިވަލުގައި ކުޅަދާނަ އެކްޓަރު ރިޝީ ކަޕޫރަށް ވަނީ ލައިފްޓައިމް އެޗީވްމަންޓު އެވޯޑު ދީފަ އެވެ.

ރިޝީ ކަޕޫރް: އިންޑިއަން ފިލްމް ފެސްޓިވަލުގައި ރިޝީ އަށް ވަނީ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު ދީފައި ---
މި އަހަރުގެ ފެސްޓިވަލްގެ ތީމަކީ އަންހެނުން ބާރުވެރި ކުރުވުމެވެ. މި މަހުގެ 21 ވަނަ ދުވަހުގެ ރޭ އޮންނަ ހަފްލާގައި އެ ތީމަށް ގިނަ ހުށަހެޅުންތަކެއް ދައްކާލުމަށް ވަނީ ނިންމައިފަ އެވެ.