ނިއުދިއްލީ (އޮގަސްޓް 15) : ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ އިން ހުށަހެޅި ބައެއްކަން ކަމަށް ޖަވާބު ދެއްވުމަށް އޭނާ ދެކޮޅު ހައްދަވައިފި އެވެ.

އިންޑިއާ އިން ޗައިނާގެ ޚާރިޖީ ވަޒީރަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ބައިނަލްއަގްވާމީ ނިއުކްލިޔާ ސަޕްލައި ގްރޫޕް (އެންއެސްޖީ)ގެ މެންބަރަކަށް އިންޑިއާ ވުމަށް ޗައިނާ ހަދާ ދެކޮޅުހެދުންތައް ހުއްޓާލުމާއި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ޖައިޝް މުހައްމަދު ޖަމާއަތަށާއި އެ ޖަމާއަތުގެ ލީޑަރު މަސްއޫދު އަޒްހަރުގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރުމަށް ޗައިނާ ދެކޮޅުހަދާ ހެދުން ހުއްޓާލުން ހިމެނެ އެވެ. މިދެކަންތަކަށް ވެސް ޗައިނާގެ ޚާރިޖީ ވަޒީރު ވަކި ޖަވާބެއް ނުދެއްވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވަނީ އެ ގައުމުގެ ޚާރިޖީ ވަޒީރު ޝުޝްމާ ސްވަރާޖް އާ އަދި ބޮޑުވަޒީރު ނަރަންދުރަ މޯދީ އާ ވަކިވަކިން ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުންތަކުގައި ޗައިނާގެ ޚާރިޖީ ވަޒީރާއި އިންޑިއާގެ ލީޑަރުން ވަނީ ދެ ގައުމުން ހުރިހާ ދާއިރާތަކެއްގައި ވެސް ގުޅުންތައް ބަދަހިކުރަން މަސައްކަތްކުރުމަށް އެއްބަސްވެ ވަޑައިގެންފަ އެވެ.

ޝުޝްމާ ސްވަރާޖް ޗައިނާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވަނީ

ޗައިނާގެ ޚާރިޖީ ވަޒީރާއި އިންޑިއާގެ ލީޑަރުންގެ މަޝްވަރާތައް ބިނާކުރެއްވި ކަންތައްތަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައިވާ އިގްތިސާދީ ގުޅުންތައް އިތުރަށް ފުޅާކޮށް ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމާއި ދެކުނު އޭޝިޔާ ސަރަހައްދުގެ ހަމަޖެހުމާއި އަފްޣާނިސްތާނަށް ސުލްހަ ގެނައުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ އިތުރުން ބައިނަލްއަގްވާމީ ބައެއް މައްސަލަތައް ވެސް ހިމެނެ އެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ނިއުދިއްލީގައި ދެއްވި ބަޔާނެއްގައި ވިދާޅުވީ އިންޑިއާއާއި ޗައިނާ އާ ދެމެދު ބައެއް ޚިލާފްތައް ހުރިނަމަވެސް އެ ޚިލާފްތަކަށް ވުރެ ދެގައުމުގެ ގުޅިފައިވާ މަސްލަހަތުތައް ބޮޑުކަމުން ހުރިހާ ދާއިރާތަކެއްގައި ވެސް ގުޅުންތައް ދެގައުމުގެ ގުޅުންތައް ބަދަހި ކުރުމަށް އޭނާ އާއި އިންޑިއާގެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވި ކަމުގަ އެވެ.

އިންޑިއާއާއި ޗައިނާއަކީ އާބާދީގެ ގޮތުން ދުނިޔޭގައިވާ އެންމެ ބޮޑު ދެގައުމެވެ. އަދި އެއީ އަސްކަރީ ގޮތުން ބަލާއިރު އޭޝިޔާގައިވާ އެންމެ ބޮޑު ދެބާރެވެސްމެ އެވެ. އިގްތިސާދީ ގޮތުން ބަލާއިރު ޗައިނާއަކީ ދުނިޔޭގެ ދެވަނަ އިގްތިސާދީ ބާރުކަމަށްވާ އިރު އިންޑިއާއަކީ ވެސް ހަލުއިކަމާ އެކު ކުރިއަރަމުން އަންނަ އިގްތިސާދެކެވެ.

ދެގައުމުގެ ދެމެދުގައިވާ މައްސަލަތަކުގެ ތެރޭގައި ސަރަހައްދީ ރޮނގުގައިވާ ބައެއް ބިންތަކުގެ މިލްކުވެރިކަމުގެ މައްސަލަތަކާއި އޭޝިޔާގެ ސަރަހައްދަށް ބާރާއި ނުފޫޒު ހިންގުމަށް ދެގައުމު ގެންގުޅޭ ވާދަވެރިކަން ހިމެނެ އެވެ. ނަމަވެސް ގިނަ ބާރުތަކެއްގެ މައްޗަށް އެކުލެވޭ ގޮތަށް ބައިނަލްއަގްވާމީ ސިޔާސީ ނިޒާމު ބައްޓަން ކުރުމަކީ ދެގައުމު ތާއީދުކުރާ ކަމެކެވެ.

މީގެ އިތުރުން އިންޑިއާއާއި ޗައިނާއަކީ ދުނިޔޭގެ އިގްތިސާދީ ބޮޑެތި ޖަމާއަތްތައް ކަމަށްވާ "ޖީ ޓުވެންޓީ" އާއި ބްރިކްސް ޖަމާއަތް ފަދަ އިގްތިސާދީ ބޮލޮކްތަކުގައި އިސް ދައުރެއް އަދާކުރާ ދެ ގައުމެވެ. އިންޑިއާއަކީ އުމްރާނީ ތަރައްގީ އާއި އިންސާނީ ތަރައްގީ އަށް ބަލާއިރު ޗައިނާއަށް ވުރެ ފަންސާހަކަށް އަހަރު ފަހަތުގައި އުޅޭ ގައުމެކެވެ. އެހެންކަމުން ޗައިނާއާ އެކު އޮންނަ ސިޔާސީ ވާދަވެރިކަން އެއްފަރާތް ކުރުމަށް ފަހު ޗައިނާގެ އިންވެސްޓްމަންޓްތަކާ އިގްތިސާދީ އެހީތައް އިންޑިއާއަށް ވަރަށް ބޮޑަށް ބޭނުންވެ އެވެ. (ނޫސްއެޖެންސީތައް)