15 Aug 2016, 11:23
އިންޑިއާއަށް މިނިވަންކަން ލިބުނުތާ 70 އަހަރު ފުރުން މިއަދު ފާހަގަ ކުރާ އިރު، އިންޑިއާއަކީ އަންހެނުންނަށް ރައްކާތެރި އަދި ރޭޕް ކުރުމުން ވެސް މިނިވަން ގައުމަކަށް ހަދަން ހުރިހާ ރައްޔިތުން ވައުދު ވާން ޖެހޭ ކަމަށް މެގަސްޓަރ އަމީތާބު ބައްޗަން ބުނެފި އެވެ.
މިނިވަން ދުވަހުގެ ޝުއޫރު ފާޅުކުރުމަށް ޓުވިޓާ މެދުވެރިކޮށް އަމީތަބް ބުނެފައި ވަނީ އިންޑިއާއަކީ ރޭޕް ކުރުމުން މިނިވަންވެފައިވާ ގައުމަކަށް ވުމަށް އެދި ދުއާ ކުރާ ކަމަށެވެ.
އަމީތާބު ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޕިންކް" ގެ ފޮޓޯއެއް ވެސް ޓުވީޓް ކޮށްފަ އެވެ. "ޕިންކް" އަކީ އިންޑިއާގައި އަންހެނުންގެ ރައްކާތެރިކަން އޮތް ހިސާބު ދައްކުވައި ދޭ ފިލްމެކެވެ. އެ ފިލްމުގައި ފެނިގެންދާނީ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ތިން އަންހެނުން އިންސާފު ހޯދުމަށް ކުރާ މަސައްކަތެވެ.
ޓުވީޓުގައި އަމީތާބު ބުނެފައި ވަނީ ރުހުމާ ނުލައި އަންހެނެއްގެ ހަށިގަނޑުގައި އަތްލުމަކީ ޑިމޮކްރަސީ ނޫން ކަމަށާއި، އެއީ ހުދުމުހުތާރު ކަން ކަމަށެވެ.