15 Aug 2016, 08:56
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 24 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި ދަ ބައުސް އިން ކުޅުނު ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ދަ ބައުސް އިން ވަނީ ސައިކްލޯން ބާސްކެޓްބޯލް ކްލަބު އަތުން މޮޅުވެފަ އެވެ. ސައިކްލޯން ބީސީއާ ދެކޮޅަށް ކުޅުނު އެ މެޗުން ދަ ބައުސް މޮޅުވެފައި ވަނީ 94-57 ޕޮއިންޓުންނެވެ.
އެ މެޗުގައި ބައުސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ އެ ޓީމަށް 29 ޕޮއިންޓް ހޯދައިދިން އަބްދުﷲ އަމްޒަރެވެ. ސައިކްލޯން އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައި ވަނީ އެ ޓީމަށް 17 ޕޮއިންޓް ހޯދައިދިން މުހައްމަދު ޒީދާން ޒައީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ވެސް ބައުސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން އަމްޒަރެވެ.
އެ މުބާރާތުގައި އިއްޔެ ހަވީރު އެލްޓީ ސްޕޯޓްސް ކްލަބު އަތުން ޓީރެކްސް ބާސްކެޓްބޯލް ކްލަބު ވަނީ 74-54 ޕޮއިންޓުން މޮޅުވެފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޓީރެކްސް އަށް 13 ޕޮއިންޓް ހޯދައިދިން އިބްރާހިމް ރަޝްވާނެވެ.
ރޭ ކުޅުނު ފަހު މެޗުގައި ދިވެހި ސިފައިންގެ ކްލަބު އަތުން 62-70 ޕޮއިންޓުން ސްޓިންގާސް ބާސްކެޓްބޯލް ކްލަބު ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ސްޓިންގާސް ބީސީގެ މުހައްމަދު ސަބީހު ތައުފީގެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ޖުމްލަ ދިހަ ޓީމެއް ވާދަކުރާ އިރު، މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ޓީރެކްސް ބީސީ އާއި، ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި، ސްޓިންގާސް ބީސީ އާއި، އެލްޓީ އެސްސީ އަދި ޔޫތު އެކްޓިވިޓީ އެސޯސިއޭޝަނެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ރެޑްލައިން ކްލަބާއި، ހަރިކޭން ބީސީ އާއި، ދަ ބައުސް އެސްސީ އާއި، ވިޔަންސާ އަދި ސައިކްލޯން ބީސީ އެވެ.
މި މަހުގެ 11 އިން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީގެ މެޗުތައް މި މަހުގެ 20 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.