ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ހިޒް އެކްސެލެންސީ މރ. ވޫ ބަންގޫ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގަންނަވައިފި އެވެ.

އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޒެންގް ރުއިޒެންގް ވެސް ރާއްޖެ ވަޑައިގަތެވެ.
އެ ދެ ކަނބަލުންނަށް މާލޭ ވައިގެ ބަނދަރުން މަރުޙަބާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދު ޢަބްދުﷲ ޝާހިދު އާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމް އާއި ދިވެހި ރައްޔިތުންގެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރު އަދި މައިނޯރިޓީ ލީޑަރު ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާއި ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްއާއި ދިވެހި ޤައުމީ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު އާއި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު އާއި މޯލްޑިވްސް ޗައިނާ ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ ލީޑަރ ކެލާ ދާއިރާގެ މެންބަރު ޑޮކްޓަރ ޢަބްދުﷲ މައުސޫމްއެވެ. މީގެއިތުރުން މިނިސްޓަރު އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަސްލަމް ޝާކިރު އާއި ރާއްޖެއިން ޗައިނާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަޙްމަދު މުޙައްމަދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުންޏެވެ.

މރ. ވޫ ބަންގޫ މާލޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ފައިބާވަޑައިގަތުމުން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ފަރާތުން އެމަނިކުފާނަށް އޮނަގާޑެއް އެރުވި އެވެ.

މރ. ވޫ ބަންގޫ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ގެ އަށް ޒިޔާރަތް ކުރައްވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއި ބައްދަލުކުރައްވާނެ އެވެ. ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެމެދުގައި ބޭއްވޭ ރަސްމީ ވާހަކަފުޅުތައް އޮންނާނީ މާދަމާ ހެނދުނު 10.00 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައި އޮންނާނެ ކަމަށާއި މރ. ވޫ ބަންގޫގެ ޝަރަފުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވާ މެންދުރުގެ ރަސްމީ ފަރިއްކޮޅެއް މާދަމާ މެންދުރު ފަހު ކުރުނބާ މޯލްޑިވްސްގައި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުންޏެވެ.

މރ. ބޫ ބަންގޫގެ މިދަތުރުފުޅުގައި ރާއްޖޭގައި ތިން ދުވަސް ހޭދަކުރައްވާނެ އެވެ. ރާއްޖެ ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު އެފްރިކާގެ ތިން ޤައުމަކަށް ވެސް ވަނީ ޒިޔާރަތްކުރައްވައިފަ އެވެ.