14:30


ލޯކަލް ކައުންސިލްތަކުގެ އިންތިހާބާބެހޭ ގާނޫނު ފާސްވާދުވަހުން ފެށިގެން ކައުންސެލަރުންނާއި ރަށު ކައުންސެލަރުން ތިބެން ނުޖެހޭނެ ކަމަށާއި، އެ ދުވަހުން ފެށިގެން ރަށްރަށާއި އަތޮޅުތަކުގެ އިސްވެރިންގެ ގޮތުގައި ތިބެންޖެހޭނީ ސިވިލް ސާވިސް ކޮމިޝަނުން ހުށަހަޅާ ބައެއް ކަމަށް ބިލަށް އިސްލާހް ހުށަހަޅުއްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގެ ބިލަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު ހުށަހެޅުއްވި މި އިސްލާހާ ގުޅިގެން ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުންނާއި އިދިކޮޅު ޑީއާރުޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ.


އެމްޑީޕީގެ މެންބަރުން ވިދާޅުވީ އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ހަނިކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. އަދި އެގޮތަށް ފާސްކުރި ނަމަވެސް އެ ކަމަށް ކައުންސެލަރުން ތަބާވާން ނުޖެހޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


ނަމަވެސް ޑީއާރުޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ވިދާޅުވީ، އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ކައުންސެލަރުން ތިބެގެން ނުވާނެ ކަމަށެވެ. އަދި ކައުންސެލަރުންނަކީ ގާނޫނާ ހިލާފަށް ރައީސް އައްޔަން ކުރައްވާފައިވާ ބައެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.  


ޖަލްސާގައި މި ބަހުސް ހޫނުވުމުގެ ސަބަބުން ދެފަރާތުން ވާހަކަ ދެއްކެވުމަށްފަހު އެ އިސްލާހަށް ބަދަލު ގެނައުމަށް ނިންމަވައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އިއްލާން ކުރުމުން އެ އިންތިހާބު ބޭއްވޭ ދާއިރާއެއްގައި ތިބި ކައުންސެލަރުންގެ ބަދަލުގައި ސިވިލްސާވިސް ކޮމިޝަނުން ކަނޑައަޅާ ފަރާތްތަކެއް އެންމެ އިސްވެރިންގެ ގޮތުގައި ތިބެން ޖެހޭނެ ކަމަށް އިސްލާހަށް ވަނީ ބަދަލު ގެނަސްފަ އެވެ. އެ އިސްލާހާއެކު މި ބިލަށް ވަރަށްގިނަ އިސްލާހްތަކެއް ވަނީ ހުށަހަޅުއްވައިފައި. އަދި އެ އިސްލާހްތަކަށް ވޯޓަށް އައްސަވަން މިހާރު ވަނީ ފައްޓަވާފަ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮޕީރައިޓްސްއާބެހޭ ގާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބިލުގެ މަސައްކަތް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ވަނީ ފާސްކޮށްފަ އެވެ.