އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ އާސެނަލް ބަލިކުރުމަށްފަހު، ލިވަޕޫލް އިން ސީޒަނުގެ ފެށުން ރަނގަޅުކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި އާސެނަލްގެ މައްޗަށް ލިވަޕޫލް އިން ކުރި ހޯދާފައިވަނީ 4-3 ލަނޑުންނެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ތިއޯ ވަލްކޮޓް އަށް އަލްބާޓޯ މޮރޭނޯ ކުރި ފައުލަކާ ގުޅިގެން އާސެނަލް އަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ނަމަވެސް ވަލްކޮޓް ފޮނުވާލި އެ ޕެނަލްޓީ ލިވަޕޫލްގެ ގޯލްކީޕަރު ސިމޮން މިގްނޮލޭ ވަނީ މަތަކޮށްފަ އެވެ.

ވަލްކޮޓް އަތުން ޕެނަލްޓީ ނާކާމިޔާބުވިތާ 68 ސިކުންތުގެ ތެރޭގައި އޭނާ ވަނީ އާސެނަލް އަށް ލީޑު ހޯދައިދީފަ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެލްކްސް އިވޯބީ ދިން ބޯޅައަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލް އިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ލިވަޕޫލް އަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ފިލިޕް ކޫޓީނިއޯ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓްފަހުން ލިވަޕޫލް އިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. ޖޯޖީނިއޯ ވައިނަލްޑަމް ދިން ބޯޅައަކުން ލިވަޕޫލް އަށް ލީޑު ހޯދައިދީފައިވަނީ އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު އެޑަމް ލަލާނާ އެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ލިވަޕޫލް އިން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފަ އެވެ. ނެތަނިއެލް ކްލައިން ދިން ބޯޅައަކުން ލިވަޕޫލް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކޫޓީނިއޯ އެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ލިވަޕޫލް އިން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް، ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. ލަލާނާ ދިން ބޯޅައަކުން ލިވަޕޫލް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ނައިޖީރިއާ ފޯވަޑް ސާޑިއޯ މަނޭ އެވެ.

ލިވަޕޫލް އިން އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކުރިތާ މިނެޓެއް ފަހުން އާސެނަލް އިން ވަނީ ލަނޑެއް ޖަހައި އުންމީދެއް އާކޮށްފަ އެވެ. ސެންޓި ކަޒޯލާ ދިން ބޯޅައަކުން އާސެނަލް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް އެލެކްސް އޮކްސްލޭޑް ޗެމްބަލެއިން އެވެ.

ލިވަޕޫލް އިން ދަމަހައްޓަމުންދިޔަ ލީޑު އެއް ލަނޑަށް އާސެނަލް އަށް ކުޑަކޮށްލެވިފައިވަނީ މެޗުގެ 75 ވަނަ މިނެޓުގައެވެ. ކަޒޯލާ ދިން ބޯޅައަކުން އާސެނަލް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ޑިފެންޑަރު ކެލަމް ޗެމްބާސް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. ރާއްޖޭގަޑިން މާދަމާ ރޭ 12:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ޗެލްސީ އާއި ވެސްޓް ހާމް ޔުނައިޓެޑެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައެވެ.