ރާއްޖެއަށް ފުޅާދާއިރާއެއްގައި ކުޅިވަރުގެ ބްރޭންޑެޑް ސާމާނު އެތެރެކޮށް މާކެޓްކުރަމުންދާ މަޝްހޫރު ސޮނީ ސްޕޯޓްސްގެ އޮންލައިން ޕްލެޓްފޯމް ރަސްމީކޮށް ފަށައި ފުޓްބޯލް ކަލެކްޝަން ތައާރަފުކޮށްފިއެވެ.

ސޮނީސްޕޯޓްސް.އެމްވީގެ ނަމުގައި ރަސްމީކޮށް މިރޭ ޚިދުމަތްދޭން ފެށި އޮންލައިން ސްޓޯރުގެ ފުޓްބޯލް ކަލެކްޝަންގެ ފުޓްބޯޅަ ކެޓަގަރީ ތައާރަފްކޮށްދިނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ)އެވެ. އަދި ޖާޒީ ކެޓަގަރީ ތައާރަފްކޮށްދިނީ ރާއްޖޭގެ އެއްވަނަ ގޯލްކީޕަރު އިމްރާން މުޙައްމަދު (އިންމަ)އެވެ.

މިރޭދަ ސިވިލް ކޮފީ ސޮސައިޓީގައި ބޭއްވި އެ ހަފްލާގައި އެފްއޭއެމްގެ ރައީސް އަހްމަދު ޠާރިގާއި ސޮނީ ސްޕޯޓްސްގެ ޑިރެކްޓަރު މުހައްމަދު ކަލީމް ބައިވެރިވެވަޑައިގެންނެވިއިރު އެ ހަފްލާގައި ރާއްޖޭގެ މަޝްހޫރު ބައެއް ފުޓްބޯޅަ ކުޅުންތެރީން ވެސް ބައިވެރިވިއެވެ.

ސޮނީ ސްޕޯޓްސްގެ އޮންލައިން ޕްލެޓްފޯމް ރަސްމީކޮށް ފަށައި ފުޓްބޯލް ކަލެކްޝަން ތައާރަފްކުރުމަށް މިރޭ ދަ ސިވިލް ކޮފީ ސޮސައިޓީގައި ބޭއްވި ހަފްލާގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އަލަށް ތައާރަފްކުރި އޮންލައިން ސްޓޯރާ ބެހޭގޮތުން ސޮނީ ސްޕޯޓްސްގެ ޑިރެކްޓަރު މުހައްމަދު ކަލީމް ވިދާޅުވީ، މިފަދަ ޚިދުމަތެއް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމުގެ އެންމެ ބޮޑު މަގުސަދަކީ، އީކޮމާސް ޓެކްނޯލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ފަސޭހަ އަދި އަވަސް ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

"މިހާރު ނުޖެހޭނެ އިނގޭތޯ އަޅުގަނޑުމެންގެ ފިހާރައަށް އާދެވެންދެން އެތަނުން ގަންނަން ޖެހޭ އެއްޗެއް ނުގަނެވި ހުންނާކަށް. އަޅުގަނޑުމެންގެ އޮންލައިން ފިހާރައަށް ޒިޔާރަތްކޮށް، ހަމަ ބޭނުންފުޅުވާ އައިޓަމެއް އިހްތިޔާރުކޮށް ބައްލަވައި ގަތުމުން އެ ކަސްޓަމަރަކު ހުރި ތަނަކަށް އަޅުގަނޑުމެން އެ އައިޓަމެއް ޑެލިވަރީ ކޮށްދޭނަން،" ސޮނީ ސްޕޯޓްސްގެ 25 އަހަރު ދުވަހުގެ ކާމިޔާބީ ފާހަގަ ކުރައްވަމުން ކަލީމް ވިދާޅުވިއެވެ.

ސޮނީ ސްޕޯޓްސްގެ ޑިރެކްޓަރު މުހައްމަދު ކަލީމް -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ސޮނީ ސްޕޯޓްސްއިން އަލަށް ތައާރަފްކުރި އޮންލައިން ސްޓޯރުން، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕްރޮޑަކްޓްތައް ހޯދައި، ލިބެންހުރި ސައިޒުތަކާއި ވައްތަރުތައް ކެޗްކޮށްލެވޭއިރު، ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ.

"އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންގެ މަސައްކަތުން މިފަދަ ޚިދުމަތެއް ދޭން ފަށާފައި މިވަނީ، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެބޭފުޅުންގެ އަގުހުރި ވަގުތުތައް ސަލާމަތް ކޮށްދިނުމަށް. އެހެންކަމުން ކަސްޓަމަރުން ބޭނުންފުޅުވާ ޕްރޮޑަކްޓް އޮންލައިންކޮށް ބައްލަވައި ގަތުމުން އަޅުގަނޑުމެން އެބޭފުޅަކު ބޭނުންފުޅުވާ އެޑްރެހަކަށް އެ ޕްރޮޑަކްޓެއް ހަމަ ހިލޭ ޑެލިވަރީކޮށްދޭނަން،" ކަލީމް ވިދާޅުވިއެވެ.

ކަލީމް ވިދާޅުވީ، ވެބްސައިޓް މެދުވެރިކޮށް، ޓީމުތަކަށް ޖާޒީ ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ބޭނުންވާ ބްރޭންޑް އަދި ކުލަ އާއި ސައިޒް އިޚްތިޔާރުކުރުމުން ޖާޒީތަކުގައި ނަމްބަރާއި ނަންޖެހުމާއި އަދި ލޯގޯ ޕްރިންޓިން ފަދަ ޚިދުމަތްތައްވެސް ލިބޭނެކަމަށެވެ.

އޮންލައިންކޮށް ބައްލަވައިގަންނަވާ ޖާޒީތަކުގައި ހިލޭ ނަންބަރު ޖަހައިދޭނޭ ކަމަށްވެސް ކަލީމު ވިދާޅުވިއެވެ.

ކަލީމް ވިދާޅުވީ، ސޮނީ ސްޕޯޓްސް އޮންލައިން ފިހާރައިގައި މިރޭ، ފުޓްބޯޅަ ބޫޓާއި ޖާޒީ ތައާރަފްކުރެވިގެން ދިޔަނަމަވެސް، އަވަސް މުސްތަގުބަލެއްގެ ތެރޭގައި އެހެނިހެން ކުޅިވަރު ސާމާނުތައްވެސް އޮންލައިންކޮށް ގަންނަން ލިބޭނޭ ކަމަށެވެ.

ސޮނީ ސްޕޯޓްސް އިން ރާއްޖެ އެތެރެކޮށް ވިއްކާ ބްރޭންޑް ތަކުގެ ތެރޭގައި ނައިކީ، އެޑިޑާސް، ކުއިކްސިލްވަރ، ރިޕްކާރލް، ނިއު ބެލަންސް އަދި ރީބޮކް ފަދަ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް ހިމެނެއެވެ.