15 Aug 2016, 08:53
ދަންވަރު ބަނޑުހައިވުމުން ކާ އެއްޗެއް ގަނެލަން ނުލިބުމުގެ ޝަކުވާއަކީ ބޮޑު ޝަކުވާއެކެވެ. ދަންވަރު ޑިއުޓީ އަދާކުރާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ޑިއުޓީ ނިމޭއިރު 12 ޖަހާފައި ހުރެއްޖެ ނަމަ ކާއެއްޗެއް ނުލިބޭ ކަމުގެ ޝަކުވާ އެވެ. ބަނޑުހައިކަމާ އެކު ނިދަން ޖެހުމަކީ އެތައް ބަޔަކު ރުޅިގަދަކުރުވާ ސަބަބެކެވެ. މިހެން މިކަން އޮއްވައި ނުގަވައިދު ވިޔަފާރިތަކެއް އުފަންވީ އެވެ. އެހެން ނަމަވެސް ސަރުކާރުން މިވަނީ އެކަން ހުއްޓުވަން ނުކުމެފައެވެ.
މީގެ އަހަރުތަކެއް ކުރިން ރޭގަނޑު 10 ޖެހުމާ އެކު ފިހާރަތައް، އަދި 12 ޖެހުމާއެކު ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ބަންދުކުރަން އެންގުމާއެކު މިވަނީ ބުލެކް މާކެޓެއް ފަށައިފަ އެވެ. ފިހާރަތައް ބަންދުކުރީން ސުރެ އިރު އަރައި ފިހާރަތައް ހުޅުވަންދެން ފިހާރަތަކުން ލިބޭ ގިނަ ތަކެތި މަގުތަކުގަައި ވިއްކާ އެތައް ބަޔަކު އެބައުޅެ އެވެ. ދަންވަރު ހޭލައި ތިބެ އެމީހުން ކުރާ ވިޔަފާރިއަކީ އެއީއެވެ. އެމީހުން އަތުން ގިނަ ބަޔަކު ވިޔަފާރި ކުރާކަން ފާހަގަކުރެ އެވެ.
ދަޅުކާނާގެ ބާވަތްތަކާއިި ފިހާރަތަކުގައި ވިއްކާތަކެތީގެ އިތުރުން މިހާރު މިވަނީ ކެއިންބުއިމަށް ބޭނުންވާ ތަކެތި ވެސް ޑެލިވަރީ ކޮށްދޭން ފަށައިފަ އެވެ. ފޭސްބުކް ފަދަ ސޯޝަލް މީޑިއާތަކުގައި ޕޭޖްތައް ހަދައި ދަންވަރު ގުޅާލުމުން އެކިއެކި ކާބޯތަކެތި ދަނީ ޑެލިވަރ ކޮށްދެމުންނެވެ. މީރު ކެއުންތައް، ގުޅާލުމާއެކު މާލޭގެ ކޮންމެ ސަރަހައްދަކަށް ވެސް ގެނެސްދެ އެވެ. އެކަން ކުރަނީ މާލޭ ގެއެއްގައި ކައްކައިގެންނެވެ. އެކަމުން ދަނީ އެތައް ނަފައެއް ހޯދަމުންނެވެ. ކޮންމެ ރެއަކު އެތައް ބައިވަރެއް ތައްޔާރުކުރާއިރު އެތަކެތި ކޮންމެ ރެއަކުންހެން ހަމަ ހުސްވާކަމަށްވެ އެވެ.
އިސްވެ ފާހަގަކުރި ވިޔަފާރިތަކަށް ބަލާ އިރު އެ ވިޔަފާރިތަކަށް އިންތިހާއަށް ޑިމާންޑް އޮތްކަން ފާހަގަކުރެވެ އެވެ. ބަޔަކު ނުގަވައިދުން ކުރާ ވިޔަފާރިން އެދަނީ އެތައް ނަފައެއް ހޯދަމުންނެވެ. އެ ވިޔަފާރިތައް ހުއްޓުުވުމަށް ސަރުކާރުން މަަސައްކަތްކުރާ ކޮންމެ ފަހަރު ނޫސްތަކަށް އަންނަ ކޮމެންޓާއި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ހުންނަ ޝުއޫރުތަކަށް ބަލާއިރު ވެސް މިއީ ދިވެހިން ބޭނުންވާ ކަމެއްކަން ޔަގީނެވެ. ހާއްސަކޮށް ދިރިއުޅުމުގެ އާދަތައް ހުންނަގޮތުން އެފަދަ ހިދުމަތްތައް ބޭނުންވެ އެވެ.
ސަރުކާރުން އެނިންމުން ނިންމުމާ ގުޅިގެން ރޭގަނޑު އެތައް ދަމެއް ވަންދެން ކޮފީ މޭޒުތައް ދޮށުގައި ހޭލާތިބި މީހުން ގެއަށް ނިދަން ދިއުމުގެ ރީތި އާދަތައް އަށަގަނެ އެތައް އަނބިންނަކަށް އުފާ ލިބުންކަން އެއީ ވެސް ފާހަގަކުރަންޖެހޭ ކަމެކެވެ.
ރަށެއްގައި އެއް ތަން ނަމަވެސް ހުންނަންޖެހޭ!
ދަތުރު ފަތުރު ކުރާ ފަރާތްތަކަށާއި ވަޒީފާއަށް ދިއުންފަދަ އެކިއެކި މަޖުބޫރީ ހާލަތްތައް ދިމާވާ ފަރާތްތަކަށް ކެއިންބުއިމުގެ ހިދުމަތްދޭނެ ކޮންމެވެސް ފޯމިއުލާއެއް އޮންނަންއެބަޖެހެ އެވެ. އިކޮނޮމިކް މިނިސްޓްރީގެ އިރުޝާދަކީ ކުރިއާލާ ތައްޔާރުވުމެވެ. އާންމުގެ ތެރެއިން ގިނަބައެއްގެ ހިޔާލަކީ މަދުން ނަމަވެސް ތަނެއް ހުޅުވާފައި ބެހެއްޓުމެވެ.
އެއީ ގިނަ ބައެއްގެ ހިޔާލަކަށް ވާއިރު އެފަދަ ކޮންމެވެސް ތަނެއް ހުންނަން އެބަޖެހެ އެވެ. މިސާލަކަށް މީހުން ކޮފީ މޭޒުތައް ދޮށުގައި ނުތިބޭގޮތަށް އެހިދުމަތް ދޭން ބޭނުންވާ ނަމަ ޓޭކް އަވޭގެ ހިދުމަތް ދޭގޮތަށް މަދުތަނަކަށް ހުއްދަ ދިނުން ރަނގަޅު ކަމަށް ފެނެ އެވެ. އޭރުން ކާއެއްޗެއް ބޭނުންވާ މީހާ އެއެއްޗެއް ގަނެގެން ދާންޖެހޭނެތާ އެވެ. ނުނިދާ ވަގުތުތައް ހޭދަކުރަން އިނުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
ހުއްދަ ދިނުމުގެ ވިސްނުން އިކޮނޮމިކް މިނިސްޓްރީގައި ނެތް!
ދުނިޔޭގެ ތަރައްގީވެފައިވާ ގިނަ ގައުމުތަކަށް ބަލާއިރު އާންމު ވިޔަފާރިތައް ރޭގަނޑު ވަރަށް އިރާކޮޅު ބަންދުކުރެ އެވެ. އެކަމަކު މަދުން ނަމަވެސް 24 ގަޑިއިރު ހިދުމަތް ލިބޭ ފިހާރަތަކާއި ކެއިން ބުއިމުގެ ހިދުމަތް ލިބޭ ތަންތަން ހުރެ އެވެ. އެއީ ދަންވަރު ވަގުތެއްގައި ހިދުމަތެއް ބޭނުންވެދާނެ މީހުންނަށް އެކަން ހަމަޖެއްސުމަށެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވި ގޮތުގައި ވިޔަފާރިތައް މިހާރު ބަންދުކުރަން އަންގާފައިވާ ގަޑިތަކަށް ބަދަލު ގެނައުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ ބޮޑު ސަރަހައްދުތަކާއި މާލެއާއި ވަރަށް ތަފާތު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ކުޑަކުޑަ ތަނެއް ނޫންތޯ. ދިވެހި ރާއްޖޭގެ ވެރިރަށް މާލެއަށް ބަލާލާއިރުގައި ޑިއުޓީތަކަށް ގޮސް ގެއަށްއައުމާއި މިކަންތައްތަކަކީ ކުރަން ފަސޭހަ ކުޑަކުޑަ މުޖުތަމައުއެއް މިއީ. މިސާލަކަށް 12 ޖަހާއިރު މިބަންދުކުރަނީ، އަނެއްކޮޅުން ފަތިހު 5 ޖަހާއިރު ހުޅުވާނެ،" ތައުފީގް ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން ގަބޫލް ކުރާގޮތުގައި 24 ގަޑިއިރު ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުރުމުން އާންމުނަނަށްވާ ފައިދާއާއި މުޖުތަމައުއަށްވާ ގެއްލުން އަޅައިކިރާއިރު ގެއްލުން މާބޮޑެވެ.
"ހުއްދަ ނުދޭން މިދިމާވި އެއް ސަބަބަކީ މާލެތެރެ މާ ހަލަބޮލިވުމާއި ވައްކަމާއި މާރާމާރީއާއި ކަންކަން އިތުރުވެގެން ދިޔައީ. އެއީ އެއް ސަބަބު، ވިޔަފާރި ޕޮއިންޓް އޮފް ވިއު އިން ވިސްނާއިރުވެސް މާ ވިޔަފާރި ގިނައެއް ނޫން. އެގަޑީގައި ބޮޑަށް އުޅެނީ އެނާޖީ ޑްރިންކާއި ސިނގިރޭޓް،" ތައުފީގް ވިދާޅުވި އެވެ.
ކޮންމެ ގޮތަކުންނަމަވެސް ދަންވަރު ވިޔަފާރިތައް ހުޅުވާފައި ބެހެއްޓުމަކީ އެއްބައެއްގެ އެދުމެެކެވެ. ގިނައީ ޒުވާނުންނެވެ. އެގޮތަށް ތަންތަން ހުރެއްޖެނަމަ އަނެއް ދުވަހު އޮފީހަށް ދާން ނުހޭލެވޭނެ މީހުން މަދު ނުވާނެކަން ވެސް އެއީ ހަގީގަތެކެވެ. އެހެންކަމުން ޓޭކްއަވޭ ހެދޭނެ އިންތިޒާމެއް މަދުން ނަމަވެސް ހަމަޖެއްސުން މުހިންްމު ކަމަށްފެނެ އެވެ.