14 Aug 2016, 22:18
ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވާ އެޕާޓީގެ ބައެއް މެމްބަރުންގެ މައްސަލަތައް ނުބަލައި ގިނަ ދުވަސްވާތީ ގަވާއިދުގައިވާ ގޮތުގެ މަތިން އެމައްސަލަތައް ބަލައި ފަސް ދުވަހުގެ ތެރޭގައި ނިންމުމަށް ޕީޕީއެމް އޮފީހުން ކޮމިޓީގައި އެދެފި އެވެ.
ޕީޕީއެމް ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވަނީ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ އާއި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ މައްސަލައެވެ.
ނަމަވެސް އެއިން އެއްވެސް މައްސަލައެއް ބަލާފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ޕީޕީއެމް ސުލޫކީ ކޮމިޓީގެ މުގައްރިރު އަލީވަހީދަށް އެޑްރެސް ކުރައްވައި ޕީޕީއެމް އޮފީހުން ފޮނުވި ސިޓީގައި ބުނެފައިވަނީ ޕީޕީއެމްގެ ސުލޫކީ މައްސަލަތަކާ ބެހޭ ގަވާއިދުގެ 13 ވަނަ މާއްދާގެ (ރ) ގައި ވާގޮތުން ސުކޫލީ މައްސަލަތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކާ މެދު ހަފްތާއެއްގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.
ނަމަވެސް މައްސަލަ ހުށަހެޅުނުތާ އެތައް ދުވަހެއް ވީއިރުވެސް މައްސަލަ ބަލާފައި ނުވާ ކަމަށާއި ތަކުރާރުކޮށް އެމައްސަލަތައް ބެލުމަށް އެދިފައިވާނެ ކަމަށެވެ. އަދި މައްސަލަތައް ނުބަލާތީ ޕާޓީގެ އާންމު މެމްބަރުންގެ ފަރާތުން ޝަކުވާ އަންނަ ކަމަށްވެސް ސިޓީގައި ވަނީ ބުނެފައެވެ.
އެހެންކަމުން 15 ދުވަހުގެ ތެރޭގައި އެމައްސަލަތައް ބަލައި ނިންމުމަށް އެސިޓީގައި ވަނީ އެދިފައެވެ.