ރާއްޖޭގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން "ރަންވޭލާ"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ބ. އަތޮޅު އޭދަފުށީގައި ފަށައިފިއެވެ.

ރަންވޭލާގެ ނަމުގައި މިއަދު ފެށި އެ ކެމްޕޭން އިފްތިތާހުކޮށް ދެއްވީ މިނިސްޓަރު އޮފް ފެމިލީ އެންޑް ޖެންޑަ ޒެނީޝާ ޝަހީދު ޒަކީ އެވެ.

މިފަދަ ކެމްޕޭނެއް ފެށީ، މުޖުތަމައު އާއި އާއިލާ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކޮށް އެމީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމާއި އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުން ކަމަށް މިނިސްޓަރު ޒެނީޝާ ވިދާޅުވިއެވެ.

މިނިސްޓަރު ޒެނީޝާ އޭދަފުށީގެ އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ//ޖެންޑަ މިނިސްޓްރީ

އެ ކެމްޕޭންގެ ދަށުން ސޯޝަލް ސާވިސް ވޯކަރުންނާއި ހެލްތް އޮފިސަރުންނަށް އަމާޒުކޮށްގެން އޭދަފުށީގައި ތަމްރީން ޕްރޮގްރާމެއް ކުރިއަށްދާނެ ކަަމަށް ފެމިލީ އެންޑް ޖެންޑަ މިނިސްޓްރީއިން މައުލޫމާތުދެއެވެ. އަދި އެ ކެމްޕޭންގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކޮށްގެން ހެލްތް ސްކްރީނިންގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޖެންޑަ މިނިސްޓްރީއިން ބުންޏެވެ.

މިނިސްޓަރު ޒެނީޝާ އޭދަފުށީގެ އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ//ޖެންޑަ މިނިސްޓްރީ

ރަންވޭލާ ކެމްޕޭންގެ ދަށުން މާލެއާއި އަތޮޅު ތަކުގައިވެސް ހާއްސަ ވޯކްޝޮޕް ތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޖެންޑަ މިނިސްޓްރީއިން ވަނީ ބުނެފައެވެ.