14 Aug 2016, 18:15
ސައުދީ އަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވާސިޓީން ދިވެހީންނަށް ހިންގައިދޭ އިސްލާމީ ސަގާފަތާ ބެހޭ ޚާއްސަ ވޯކްޝޮޕެއް ފަށައިގެން ކުރިޔަށް އެބަދެއެވެ.
އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މަދީނާ ޔުނިވާސިޓީން ހިންގާ މި ވޯކްޝޮޕުގައި 50 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އިސްލާމިކް މިނިސްޓްރީއާ މަދީނާ ޔުނިވާސިޓީ ގުޅިގެން ކުރިޔަށް ގެންދާ ޓްރޭނިންގ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ދައުރަތުލް ތަދުރީބިއްޔާ ވަ ސަގާފަތުލް އިސްލާމިއްޔާކިޔާ މި ވޯކްޝޮޕުގެ މަގްސަދަކީ އިސްލާމީ ސަގާފަތާއި އަރަބި ބަސް ކުރިއެރުވުމުގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރުކުރުމެވެ.
މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ދާ މި ވޯކްޝޮޕުގައި ތަފާތު ސެޝަންތައް ކުރިޔަށް ދާނެއެވެ. އެގޮތުން އިސްލާމީ އަގީދާއާއި ހަދީސްއާއި ސީރަތާއި ތަފްސީރު ފަދަ މާއްދާތައް އެ ވޯކްޝޮޕުގައި ކިޔައިވައިދޭނެއެވެ. ކޮންމެ ދުވަހަކު ވެސް ޓްރެއިނިންގ ކުރިޔަށް ދާނީ ހަވީރު 4:00 އިން ރޭގަނޑު 7:30 އާ ހަމައަށެވެ.
މި ޓްރެއިނިންގގައި ކިޔަވައިދެއްވާނީ މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ތިން ބޭފުޅުން ކަމުގައިވާ، މުހައްމަދު ބިން އަބްދުﷲ އަލް ޒަހީމް، ބަދުރު ބިން މުޤްބިލް އައްޛަފީރީއާއި މުހައްމަދު ބިން ރާޝިދު އަލް ސޮބްހީ އެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ވޯކްޝޮޕް ފުރިހަމަކުރާ ފަރާތްތަކަށް މަދީނާ އިސްލާމިކް ޔުނިވާސިޓީއިން ޖާގަ ލިބުމުގައި ފަސޭހަތަކާއި ފުރުސަތު ފަހިވެގެންދާނެއެވެ.