14 Aug 2016, 17:50
މިދިޔަ ޑިސެމްބަރު މަހު ސްކޫލް ބަންދާ ދިމާކޮށް އެންމެ ގިނަ ދިވެހީން ދަތުރުކުރީ ސްރީލަންކާއަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރި ސާވޭއަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން މި ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 18ން 24 އަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުގައެކެވެ.
ދިވެހީން ބޭރަށް ކުރާ ދަތުރުތަކުގައި ކުރާ ހޭދަ އާއި ދަތުރުގެ ބޭނުމާ ގުޅޭ ގޮތުން އެމްއެމްއޭ އިން ކުރި ސާވޭއިން ދައްކާ ގޮތުގައި އެންމެ ގިނަ ދިވެހީން އެ މުއްދަތުގައި ދަތުރުކޮށްފައި ވަނީ ސްރީލަންކާ އަށެވެ. އެ މުއްދަތުގައި 1،574 ދިވެހީން ލަންކާއަށް ދަތުރުކޮށްފައިވެ އެވެ.
ސާވޭއިން ދައްކާގޮތުގައި ދެވަނައަށް އެންމެ ގިނަ ދިވެހީން ދަތުރުކޮށްފައި ވަނީ އިންޑިއާއަށެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ދިވެހީން ދަތުރުކޮށްފައި ވަނީ މެލޭޝިއާއަށެވެ. އަދި ތައިލެންޑަށާއި ސިންގަޕޫރަށް ވެސް ގިނަ އަދަދެއްގެ ދިވެހީން ދަތުރުކޮށްފައިވެއެވެ.
އެ ސާވޭގެ ތެރެއިން އެމްއެމްއޭ އިން ވަނީ ދަތުރުކުރާ ފަރާތްތަކާ ސުވާލުކޮށްފައެވެ. އެގޮތުން ސާވޭގައި ސުވާލުކުރި 3،891 މީހުންގެ ތެރެއިން 2،247 މީހުން ދަތުރުކުރީ ބޭސްފަރުވާ ހޯދުމަށެވެ. އަދި ޗުއްޓީ ހޭދަކުރަން ދަތުރުކުރީ 1،056 މީހުންނެވެ. އޭގެ އިތުރުން 244 މީހުން ތައުލީމް ހޯދަން އަދި ވިޔަފާރިއަށް ދަތުރުކުރީ 120 މީހުންނެވެ.
އެ ސާވޭއިން ދައްކާ ގޮތުން ބޭސްފަރުވާ ހޯދަން އެންމެ ގިނަ ދިވެހިން ދަތުރުކުރީ އިންޑިއާ އަށެވެ. އެގޮތުން އެ ގައުމުން ބޭސްފަރުވާ ހޯދަން 1،281 މީހުން ދަތުރުކޮށްފައިވެއެވެ. އަދި ބޭސްފަރުވާއަށް ދެވަނައަށް އެންމެ ގިނަ މީހުން ދަތުރުކޮށްފައި ވަނީ ލަންކާއަށެވެ. އެ ގައުމަށް 823 މީހުން ވަނީ ދަތުރުކޮށްފައެވެ.
ސާވޭއިން ދައްކާ ގޮތުގައި ބޭސްފަރުވާ ހޯދަން އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ މެލޭޝިއާގައެވެ. އެ ގައުމުން ބޭސްފަރުވާ ހޯދަން އެވްރެޖްކޮށް މީހަކު 973 ޑޮލަރު ހޭދަކުރިއިރު ދެވަނައަށް އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ ތައިލެންޑްގައެވެ. އެ ގައުމަށް އެވްރެޖްކޮށް މީހަކު 864 ޑޮލަރު ހޭދަކުރިއިރު ސިންގަޕޫރަށް 663 ޑޮލަރު އަދި ލަންކާގައި 515 ޑޮލަރު އަދި އިންޑިއާގައި އެވްރެޖްކޮށް މީހަކު 512 ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އެމްއެމްއޭގެ ސާވޭ އިން ދައްކައެވެ.