ޕާކިސްތާނުގެ 70 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ، އެގައުމުގެ ރައީސް މަމްނޫން ހުސައިނަށާއި ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފޮނުއްވައިފިއެވެ.

މިއަދު ފާހަގަކުރާ ޕާކިސްތާނުގެ 70 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސް ޔާމީން ވަނީ އެގައުމުގެ ރައީސަށާއި ބޮޑުވަޒީރަށް ވަކިވަކިން މެސެޖު ފޮނުއްވައިފައެވެ.

ރާއްޖެއާ ޕާކިސްތާނާ ދެމެދު އޮންނަނީ އަޚުވަންތަ ކަމުގެ ގުޅުމެއް ކަމަށާއި އެ ގުޅުން ގާއިމުކުރިތާ 50 އަހަަރު މިހާރު ވެފައިވާ އިރު، ކުރިޔަށް އޮތް ތަނުގައި އެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސިއްހީ، ތައުލީމީ އަދި ދިފާއީ ކަންކަމުގައާއި، ރާއްޖެއަށް ދިމާވާ އެކިއެކި ހާލަތްތަކުގައި ޕާކިސްތާނުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތައް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ. އަދި ޕާކިސްތާނުގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ވަނީ ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮ އެދުންތައް ފޮނުއްވައިފައެވެ.

ނަވާރަސަތޭކަ ސާޅީސް ހަވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން އިންޑިއާ މިނިވަން ވާން އުޅުނު އިރު، އިންޑިއާގެ މުސްލިމުން ވަކި މުސްލިމު ދައުލަތެއް ބޭނުންވުމުގެ ސަބަބުން، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ފާސްކުރި، އިންޑިއާއަށް މިނިވަންކަން ދިނުމާ ބެހޭ ގާނޫނުގެ ދަށުން ޕާކިސްތާނާއި އިންޑިއާ އުފެއްދިއެވެ. ޕާކިސްތާނާއި އިންޑިއާގެ މިނިވަން ދުވަހަކީ 15 އޯގަސްޓް 1947 އެވެ. ނަމަވެސް ފަހުން ޕާކިސްތާނުން ވަނީ އެގައުމުގެ މިނިވަން ދުވަސް 14 އޯގަސްޓަށް ހަމަޖައްސައިފައެވެ.

ޕާކިސްތާނު އޭރު އޮންނަނީ ދެ ބަޔަކަށެވެ. އެއީ އިންޑިއާގެ ހުޅަނގަށް މިހާރު އޮންނަ ޕާކިސްތާން ނުވަތަ ވެސްޓު ޕާކިސްތާނާއި، އިންޑިއާގެ އިރުމައްޗަށް އޮންނަ އީސްޓް ޕާކިސްތާނެވެ. ޕާކިސްތާނުގެ ދަށުން އީސްޓް ޕާކިސްތާން މިނިވަންވެ، ފަހުން އެތަނުގައި ބަންގްލަދޭޝްގެ ނަމުން މިނިވަން ދައުލަތެއް ގާއިމު ކުރެވުނެވެ.

މާދަމާއަކީ އިންޑިއާގެ 70 ވަނަ މިނިވަން ދުވަހެވެ.