14 Aug 2016, 17:26
ދުވުންތެރިޔާ އަހުމަދު ޝަރަފް ރާއްޖޭގެ ގައުމީ ހާފް މެރެތަން ރެކޯޑް މިއަދު މުގުރާލައިފިއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ދިން އެއް އަހަރު ދުވަހުގެ ސްކޮލަޝިޕެއްގައި އިތިއޯޕިއާގައި ތަމްރީންތަކެއް ފުރިހަމަކުރަމުން އަންނަ ޝަރަފް އެރިކޯޑް މުގުރާލީ މޮރޮކޯގެ ނަޑޯ މެރެތަންގައި 1 ގަޑި 16:17 މިނެޓުން 21 ކިލޯނީޓަރުގެ ރޭސް ނިންމައިގެންނެވެ.
މީގެ ކުރިން ގައުމީ ހާފް މެރެތަން ރެކޯޑް އޮންނަނީ އަހުމަދު ރިޒާ އަތުގައެވެ. ރިޒާ އެ ރިކޯޑް ހަދާފައިވަނީ 2014 ވަނަ އަހަރު ޕުކެޓް މެރެތަންގައި 1 ގަޑި 19:05 މިނެޓުން ރޭސް ނިންމައިގެންނެވެ.
ޑރ. ހުސައިން ހަލީމް (ކުޑަހުސެން) ހަދާފައިވާ މެރަތަންގެ ގައުމީ ރެކޯޑް މުގުރާލުމަށް އަމާޒު ހިފާފައިވާ ޝަރަފް، މިހާރު ތަމްރީން ހަދަމުންދަނީ އިތިއޯޕިއާގެ މަޝްހޫރު ކޯޗު ހާޖީ އަޑިލޯގެ އިރުޝާދުގެ ދަށުންނެވެ.
ސާފް ގޭމްސް 1989ގައި ދުވެ، ކުޑަހުސެން މެރަތަންގެ ގައުމީ ރެކޯޑް ހެދީ ދެ ގަޑި 45 މިނެޓުން ރޭސް ނިންމައިގެންނެވެ. ޝަރަފް ޑަބްލިން މެރަތަން ނިންމާފައި ވަނީ ކުޑަހުސެންގެ ރެކޯޑަށް ވުރެ 11.91 މިނެޓް ލަހުންނެވެ.
މީގެ 26 އަހަރު ކުރިން ކުޑަހުސެން ހަދާފައިވާ މެރަތަން ރިކޯޑް މުގުރާލަން ޝަރަފް ނިކުންނާނީ ޖަރުމަނުގެ ބާލިންގައި އަންނަ މަހުގައެވެ.