14 Aug 2016, 16:16
އޮލިމްޕިކް ގޭމްސްގެ އަންހެނުންގެ 100 މީޓަރު ދުވުމުން ޖެމެއިކާގެ އެލެއިން ތޮމްސަން ރަން މެޑެއްޔެއް ހޯދައިފި އެވެ.
ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުމުގެ ރަން މެޑެއްޔެއް ޖެމެއިކާއިގެ އުމުރުން 24 އަހަރުގެ ތޮމްސަން ހޯދީ 10.71 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ އޭނާގެ އަމިއްލަ ރެކޯޑަށްވުރެ 0.01 ސިކުންތު ލަސް ވަގުތެކެވެ.
އެ އިވެންޓުން ރަން މެޑެއްޔެއް ހޯދި ތޮމްސަން ބުނީ، ކާމިޔާބީ ލިބުމުން ވަރަށް އުފާވެފައިވާ ކަމަށާއި ރޭސް ކާމިޔާބުވިކަން އެނގުމުން އުފާފާޅުކުރާނެ ގޮތް ވެސް ނޭނގުނު ކަމަށެވެ.
ދެ ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން އަދި ޖެމެއިކާ ޓީމުގެ އަނެއް ދުވުންތެރިޔާ ފްރޭސާ ޕްރައިސް ވެސް ވަނީ މެޑެއްޔެއް ހޯދައިފަ އެވެ. އެ ދުވުމުގައި ވާދަކޮށް، 10.86 ސިކުންތުން ރޭސް ނިންމައިގެން ޕްރީސް ހޯދާފައި ވަނީ ލޯ މެޑެއްޔެކެވެ. އޭނާ އަށް ރަން މެޑެއްޔެއް ހޯދި ނަމަ، އެ އިވެންޓުގައި ވިދިވިދިގެން ތިން ފަހަރު ރަން މެޑެއްޔެއް ހޯދި ފުރަތަމަ އަންހެން ދުވުންތެރިޔާގެ ޝަރަފު ލިބުނީހެވެ.
އެ އިވެންޓުގެ ފައިނަލުގައި ވާދަކޮށް، ރިހި މެޑެއްޔެއް ހޯދާފައި ވަނީ އެމެރިކާގެ ޓޯރީ ބޮވީ އެވެ. އޭނާ ރޭސް ނިންމާފައިވަނީ 10.83 ސިކުންތުންނެވެ.