އަށް ރަށެއްގެ ކުނި މެނޭޖްކުރާ ސެންޓަރުތައް ގާއިމްކޮށް ބައެއް ރަށްރަށުގެ ސެންޓަރުތައް އަޕްގްރޭޑް ކުރަން އެންވަޔަރަންމަންޓް މިނިސްޓްރީން އެކި ކުންފުނިތަކާ މިއަދު ހަވާލުކޮށްފި އެވެ.

އެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓް"ގެ ދަށުންނެވެ. އެ ޕްރޮޖެކްޓަކީ އަބޫދާބީ ފަންޑް ފޯ ޑޮވެލޮޕްމަންޓް (އޭޑީއެފްޑީ) ގެ ލޯނު އެހީ އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން އެންވަޔަރަންމަންޓް މިނިސްޓްރީން އައްޑޫ ސިޓީގައި ހިންގާ ޕްރޮޖެކްޓެކެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އެ މަޝްރޫގެ ދަށުން ވޭސްޓް ޓު އެނާޖީ ސިސްޓަމް ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސީޓީގައި ނަމަވެސް، އެ މަޝްރޫއަކީ އައްޑޫ ސިޓީ އާއި ފުވައްމުލަށް، ހުވަދުއަތޮޅު ދެކުނު ބުރި އަދި އެއަތޮޅު އުތުރު ބުރި ހިމެނޭ ގޮތަށް ސަރަަހައްދީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ މަޝްރޫއެއް ކަމަށެވެ.

ޕްރޮޖެކްޓް ހިންގާ ރަށްތަކާއި ކުންފުނި އަދި އަގު:

  • ގދ. ހޯޑެއްދޫ ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކުރުން:މަސައްކަތް ހަވާލުކޮށްފައި ވަނީ 1.76 މިލިއަން ރުފިޔާ އަށް އައިއެސްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

  • ގދ. ނަޑެއްލާ ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކުރުން: 971942.39 ރުފިޔާ އަށް މަސައްކަތް ހަވާލުކޮށްފައި ވަނީ އައިއެސްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.
  • ގދ. ފިޔޯރީ ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކުރުން: 1.2 މިލިއަން ރުފިޔާ އަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ތަޝީޝާ ޕްރައިވެޓް ލިމިޓެޑަށް
  • ގއ. ކޮނޑޭ ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކުރުން: 779725.72 ރުފިޔާއަށް އެ މަސައްކަތް ހަވާލު ކުރީ ވެލްމެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
  • ރ. ހުޅުދުއްފާރު ކުނިކޮށި އަޕްގްރޭޑް ކުރުން: 671277.76 ރުފިޔާއަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވެލްމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ރ. އުނގޫފާރު ކުނިކޮށި އަޕްގްރޭޑް ކުރުން: 338577.17 ރުފިޔާ އަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވެލްމެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
  • ބ. ކެންދޫ ކުނިކޮށި އަޕްގްރޭޑް ކުރުން: 552767.80 ރުފިޔާ އަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވެލްމެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
  • ލ. ގަން ކުނި މެނޭޖްކުރާ މަރުކަޒުގައި ކުނި އަންދާ އިންސިނެރޭޓާއެއް ބިނާކުރުން: 976155.11 ރުފިޔާއަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޓާލޮކް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާޙިމް ވިދާޅުވީ އެ މަސައްކަތްތައް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ނިންމާލެވޭވަރު ވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރު އަމާޒަކީ 2018 ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރެވޭނެ ނިޒާމުތައް ގާއިމް ކުރުން ކަމަށެވެ.