28 May 2011, 21:56
ކާބުލް : އެމެރިކާ ސިފައިންގެ 8 މީހަކު އަފްޣާނިސްތާނުގައި މަރާލައިފިއެވެ. އެމެރިކާގެ ދިފާޢީވުޒާރާ ޕެންޓަގަން އިން ބުނިގޮތުގައި މި 8 މީހުން މަރުވީ އަފްޣާނިސްތާނުގެ ދެކުނުގެ ޗޫރުބާކް ސަރަޙައްދުގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް މިދިޔަ ހުކުރުދުވަހު ދިން ބޮމުގެ ޙަމަލާއެއްގައެވެ.
މިޙަމަލާގައި އަފްޣާން ފުލުހުންގެ ދެމީހަކުވެސް މަރުވިކަމަށް ކާބުލްގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު ބުނެއެވެ. މިއީ ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި އެމެރިކާ ސިފައިންގެ މިހާގިނަ ޢަދަދެއްގެ މީހުން އެއްފަހަރާ މަރާލެވުނު ފުރަތަމަ ފަހަރެވެ. މިޙަމަލާދިނީ ރަބީޢު މޫސުމުގެ ޙަމަލާތައް އެމެރިކާ ސިފައިންނާ ދެކޮޅަށް ފެށިކަން ތާލިބާނުން އިޢްލާން ކޮށްފައިވަނިކޮށެވެ.
އަނެއްކޮޅުން އަފްޣާން ހަނގުރާމައިގާ ޙަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ހެލިކޮޕްޓަރެއްވެސް އިއްޔެވަނީ އެޤައުމުގެ އިރުމަތީ ބެކްޓިޔާ ސަރަޙައްދަށް ވެއްޓިފައެވެ. ތާލިބާނުންވަނީ މިހެލިކޮޕްޓަރު ވައްޓާލީ އެޖަމާއަތުން ކަމާއި އޭގައިތިބި އެމެރިކާ ސިފައިންގެ އެންމެން މަރުވިކަން ކަށަވަރުކޮށްދީފައެވެ.
އަފްޣާން ހަނގުރާމައިގާ ޙަރަކާތްތެރިވާ އެމެރިކާގެ ބާރުތަކުގެ ކޮމާންޑަރު ޖެނެރަލް ޑޭވިޑް ޕެޓްރާވްސް ވަނީ މިހިނގާ ރަބީޢު މޫސުމާއި ކުރިޔަށްއޮތް ހޫނު މޫސުމުގައި އަފްޣާނިސްތާނުގައި އެމެރިކާ ސިފައިންނަށް ބޮޑެތި ގޮންޖެހުންތަކަކާއި ނުރައްކާތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
އަފްޣާން ހަނގުރާމައަށް 10 އަހަރު ވާން ގާތްވެފައިވާއިރު ތާލިބާނުންގެ މައްޗަށް ކާމިޔާބު ހޯދުމުގައި އެމެރިކާއާއި ނޭޓޯގެ ބާރުގަދަ ލަޝްކަރުތައްވަނީ ނާކާމިޔާބުވެފައެވެ. މިކަމުގެ ސަބަބުން ކުރީގެ ސޮވިއެޓް ސިފައިންނަށް އަފްޣާނިސްތާނުގައި ޖެހުނު ޙާލު އެމެރިކާ ސިފައިންނަށްވެސް އެޤައުމުގައި މިހާރު ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާ ގެންދަނީ ތަލިބާނުން ބަލިނުކުރެވުމުގެ ސަބަބުން އަފްޣާނިސްތާނުން ފޭބުމަށް ސްޓްރެޓެޖީއެއް އެކުލަވާލާފައެވެ. މިސްޓްރެޓެޖީ ބިނާވެފައިވަނީ ކުރިޔަށްއޮތް ދެތިން އަހަރެއްގެ ތެރޭގައި އަފްޣާނިސްތާނުން ފޭބުމުގެ މައްޗަށެވެ.
އަފްޣާނިސްތާނާއި ޢިރާޤާ ދެކޮޅަށް އެމެރިކާ އަމިއްލައަށް ފަށައިގަނެގެން އުޅޭ ހަނގުރާމަތަކަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން އެމެރިކާގެ އިޤްތިސާދަށް ވަނީ ވަރުގަދަ ލޮޅުންއަރަންފަށާފައެވެ. (އަލްޖަޒީރާ)