ހަސަން ސާއިދުއަކީ ރާއްޖޭގެ އެންމެ ބާރުގެ ދުވުންތެރިޔާގެ އިތުރުން ދެކުނު އޭޝިއާގައި ވެސް ފާހަގަކޮށްލެވޭ އެތުލީޓެކެވެ. ސާއިދު ވަނީ އޮލިމްޕިކް ގޭމްސްގައި ވާދަކޮށް، ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. އޭނާގެ އެ ކާމިޔާބަށްފަހު އެންމެ ފުރަތަމަ ވެސް އަވަސްވެގަތީ ދިވެހީންނަށް ޝުކުރު އަދާ ކުރުމަށެވެ.

ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުމުގެ ޕްރިމިލިނަރީ ބުރުގައި ވާދަކޮށް، އޭނާ ދުވި ހީޓުގެ އެއްވަނަ ހޯދާފައިވެ އެވެ. އެ ކާމިޔާބާއެކު އޭނާ ވެފައިވަނީ އޮލިމްޕިކްސްގެ ހީޓަކުން އެއްވަނަ ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.

ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގައި ވާދަކުރަނީ: ޕްރިމިލިނަރީ ބުރުގައި ސާއިދު ދުވި ހީޓުގެ އެއްވަނަ ހޯދުމާއެކު އޭނާ ވެފައިވަނީ އޮލިމްޕިކްސް ހީޓެއްގެ އެއްވަނަ ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔާ އަށް -- ފޮޓޯ: ރިއޯ2016

"ހުއްޓުމެއްނެތި ހުރިހާ އެންމެން ދެމުންދާ ތަރުހީބަށް ޝުކުރު އަދާކުރަން. ކުރިއަށްއޮތްތާ ވެސް ބުރަ މަސައްކަތް ކުރުމުގައި ދެމިހުންނާން،" ރޭސް ނިންމުމަށްފަހު ސާއިދުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ދިން މެސެޖުގައި ބުނެފައިވެ އެވެ.

އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގައި ސާއިދު ވާދަކޮށްފައިވަނީ ދުނިޔޭގެ ފާހަގަކޮށްލެވޭ އެތުލީޓުންނާ އެވެ. އެ ބުރުގައި ވާދަކޮށް ހީޓުގެ ފުލުގައި ނިންމާލެވުމުން ސެމީ ފައިނަލާ ހަމައަށް ސާއިދު އަށް ދެވިފައިނުވި ނަމަވެސް، ސާއިދުގެ ހިތްވަރު ފާހަގަކޮށްލެވެ އެވެ. އެ ބުރުގައި އޭނާ ވާދަކޮށްފައިވަނީ ޕްރިމިލިނަރީ ބުރުގައި ވާދަކުރިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.

ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގައި ވާދަކުރަނީ: ޕްރިމިލިނަރީ ބުރުގައި ސާއިދު ދުވި ހީޓުގެ އެއްވަނަ ހޯދުމާއެކު އޭނާ ވެފައިވަނީ އޮލިމްޕިކްސް ހީޓެއްގެ އެއްވަނަ ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔާ އަށް -- ފޮޓޯ: ރިއޯ2016

އޮލިމްޕިކްސްގެ ހީޓެއްގެ އެއްވަނަ ހޯދި ފުރަތަމަ ދިވެހި ދުވުންތެރިޔާގެ އޭނާ އަކީ މިފަހަރުގެ އޮލިމްޕިކް ގޭމްސްގެ ޕްރިމިލިނަރީ ބުރު ފަހަނައަޅާ ދިޔަ ހަމައެކަނި ދެކުނު އޭޝިއާގެ ދުވުންތެރިޔާ އެވެ. ޕްރިމިލިނަރީ ބުރުގައި ވާދަކޮށް 10.43 ސިކުންތުން ސާއިދު ރޭސް ނިންމި އިރު، ފުރަތަމަ ބުރު އޭނާ ނިންމީ 10.47 ސިކުންތުންނެވެ. ފުރަތަމަ ބުރުގެ ހުރިހާ ހީޓަކުން ޖުމުލަ 69 ދުވުންތެރީން ވާދަކޮށްފައިވާ އިރު، ސާއިދު ވަނީ ރޭންކިންގެ 58 ވަނަ ހޯދައިފަ އެވެ.

ދިވެހިންގެ ފަޚުރުވެރި ދުވުންތެރިޔާ ވަނީ، މިދިޔަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެއަށް ރަން މެޑެއްޔެއް ހޯދައިދީ، 200 މީޓަރު ދުވުމުން ރިހި މެޑެއްޔެއް ހޯދައިދީފަ އެވެ.