14 Aug 2016, 15:12
ސަންއާ (އޮގަސްޓް 14): ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ޔަމަނުގައި ގިނަ އަދަދެއްގެ ހޫޘީން ދިރިއުޅޭ ސަރަހައްދެއްގައި ހުރި ސްކޫލަކަށް ދިން ވައިގެ ހަމަލާއެއްގައި 10 ކުޑަކުއްޖަކު މަރުވެއްޖެ ކަމަށް ޔަމަނުގެ އޮފިޝަލުން ބުނެފި އެވެ.
ހަމަލާ އަމާޒުވި އިސްލާމިކް ސްކޫލުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ހަމަލާއަކީ ހޫޘީންނާއި ސައުދީ ކޯލިޝަނުން ބޭއްވި ސުލްހައިގެ ވާހަކަތައް ނާކާމިޔާބުވުމުން ސައުދީން އަނެއްކާ ވެސް ދޭން ފެށި ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެކެވެ.
އިންސާނީ އެހީ ފޯރުކޮށްދޭ ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ވަނީ އެހަމަލާ ކުށްވެރިކޮށްފަ އެވެ. އަދި އެ ހަމަލާގައި މަރުވި 10 ކުދިންނާއި އަނިޔާވި 28 ކުދިންނަކީ އަށް އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ކަމަށް ބުނެފަ އެވެ.
ދެހާސްސާދަ ވަނަ އަހަރު ޔަމަނުގެ ހޫޘީން ވަނީ ގައުމުގެ ވެރިރަށް ސަންއާ ހިފުމަށް ފަހު އެމީހުންގެ ވެރިކަމެއް ގާއިމުކޮށްފަ އެވެ. އަދި ޔަމަނުގެ ރައީސް މަންސޫރު ހާދީ ވަނީ އެއީ ސައްހަ ވެރިކަމެއް ނޫން ކަމަށް ވިދާޅުވެ، ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ކުރަން ސައުދީ އިސްވެ އޮންނަ ކޯލިޝަނެއްގެ ތާއީދު ހޯއްދަވާފަ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި އދ. އިން ބުނާ ގޮތުގައި ޔަމަނު ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 9،000 އަށް އަރާނެ އެވެ. (އޭޕީ)