14 Aug 2016, 16:12
ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެ އެވެ.
ގައުމީ އިނާމާއި ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.
ގައުމީ އިނާމާއި ޚާއްސަ އިނާމު ދިނުން އޮންނާނީ، މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ބާއްވާ ރަސްމީ ޖަލްސާގަ އެވެ. ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.
ގައުމީ އިނާމު ކޮމިޓީގެ މުގައްރިރު އަބްދުލްރަޝީދު ހުސައިން ވިދާޅުވީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދޭ އިރު، މައިގަނޑު 31 ދާއިރާއަކުން އިނާމު ދެވޭނެ ކަމަށެވެ.
މި އަހަރު އެންމެ ބޮޑު ބަދަލުތަކެއް ހުންނާނީ އިޖްތިމާއީ ރައްކާތެރިކަމާއި އިންސާނީ ހައްގުތަކާ ބެހޭ ދާއިރާތަކާއި ތިމާވެއްޓާއި ހަކަތައިގެ ދާއިރާ އާއި ސިއްހީ ދާއިރާ އާއި މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުން ދެވޭ އިނާމުތައް ކަމަށް އަބްދުލްރަޝީދު ހުސައިން ވިދާޅުވި އެވެ.
މީގެ އިތުރުން، މަތީ ދަރަޖަ ހާސިލުކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ފަސް ގިންތިއަކުން ދެވޭނެ އެވެ.
ޚާއްސަ އިނާމު ދެވޭ ފަސް ގިންތި
1. ޕީއެޗްޑީ ހާސިލުކުރުމުގައި ފާހަގަ ކޮށްލެވޭ ކާމިޔާބެއް ލިބިފައިވާ ފަރާތްތައް.
2. މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދާ ފަރާތްތައް.
3. ބައިނަލްއަގުވާމީ މުބާރާތަކުން އެންމެ މަތީ ވަނަ ހޯދުން
4. ރާއްޖެ އަށް ދިމާވެފައިވާ މައްސަލައެއް ހައްލު ކުރުމަށް ސައިންޓިފިކް އިލްމީ ދިރާސާއެއް، ނުވަތަ އާދަޔާޚިލާފު މަސައްކަތެއް ނުވަތަ އާ އީޖާދެއް އުފައްދައިގެން ފާހަގަ ކޮށްލެވޭ ކާމިޔާބެއް ހޯދާ ފަރާތްތައް.
5. ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުމުގެ މުބާރާތް.
މީގެ ތެރެއިން ފަސްވަނަ ގިންތީގައި ހިމެނެނީ، މީގެ ކުރިން ވަކިވަކި މިނިސްޓްރީތަކުންނާއި ސަރުކާރުގެ އިދާރާތަކުން އިއުލާންކޮށްގެން ކުރިޔަށް ގެންދާ މުބާރާތްތަކެކެވެ. އޭގެ ތެރޭގައި ހިމެނޭ ހަތަރު މުބާރާތަކީ ދިވެހި ބަހުގެ އެކެޑެމީން ކުރިޔަށް ގެންދާ ކުޑަކުދިންގެ ނާވިލު ލިޔުމުގެ މުބާރާތާއި، އިސްލާމިކް މިނިސްޓްރީން ކުރިޔަށް ގެންދާ ކުޑަކުދިންގެ ދީނީ ވާހަކަ ލިޔުމުގެ މުބާރާތާއި ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްއިން ކުރިޔަށް ގެންދާ، ދިވެހި ތާރީޚީ ހާދިސާއަކަށް ބިނާކޮށް މިއުޒިކަލް އަދި ކޮމިކް ތައްޔާރުކުރުމުގެ މުބާރާތާއި އިކޮނޮމިކް މިނިސްޓްރީން ކުރިޔަށް ގެންދާ، ނާށިން ތަކެތި ތައްޔާރުކުރުމުގެ މުބާރާތެވެ.
މިފަހަރު އިނާމުތަކަށް ނަން ހުށަހަޅާ ފަރާތްތަކުން ކުށުގެ ރިކޯޑު ވެސް ގައުމީ އިނާމު ކޮމިޓީން ބަލަ އެވެ.