ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އަވަށެއް ކަމުގައިވާ ނާބްލުސްގެ މިސްކިތްތަކުން ބަންގި ގޮވާ ވަގުތުގައި ލަވަ ޖެހި މައްސަލައެއް ބޮޑުވެއްޖެ އެވެ.

ނާބްލުސްގެ މިސްކިތްތަކުން މިދިޔަ ބުރާސްފަތި ދުވަހު ބަންގީގެ ބަދަލުގައި، މިސްކިތްތަކުން އިވިގެން ދިޔައީ މިސްރުގެ މަޝްރޫހު ލަވަކިޔުންތެރިޔާ އުއްމު ކުލްސޫމްގެ ލަވައެކެވެ. މިސްކިތުގެ ސްޕީކަރު ސިސްޓަމަކުން މިއުޒިކުގެ އަޑު އިވުމުގެ ސަބަބުން ނާބްލުސްގެ ގިނަ ބަޔަކު ރުޅިގަދަ ވެފައި ތިބި އިރު، މަދު ބަޔަކަށް މިކަން ފެނުނީ މަޖާ ކަމެއްގެ ގޮތުގަ އެވެ.

ދުނިޔޭގެ ބައެއް މިސްކިތްތަކުގައި އިމާމަކު ބަންގި ގޮވުމުގެ ބަދަލުގައި، ބަންގި ގޮވާ ވަގުތަށް އޮޓޮމެޓިކުން ބަންގި ގޮވާ ރިކޯޑިންއެއް ބްރޯޑްކާސްޓް ކުރާ ނިޒާމުތައް ވެސް އިންސްޓޯލް ކޮށްފައި ހުރެ އެވެ.

ނާބްލުސްގައި ބަންގި ގޮވަނީ ރޭޑިއޯ ޓްރާންސްމިޝަން މެދުވެރިކޮށް ހުރިހާ މިސްކިތަކުން އެއް ވަގުތެއްގަ އެވެ. ރޭޑިއޯ ޓްރާންސްމިޝަން މެދުވެރިކޮށް މިކަން ކުރާތީ ބައެއް ފަހަރު ފްރީކުއެންސީ އިންޓަފިއަރަންސްގެ މައްސަލަ ދިމާވެ އެވެ. އެހެން ނަމަވެސް މިއީ ނާބްލުސްގައި އެންމެ ބޮޑު، އަދި އެންމެ އާދަޔާޚިލާފުކޮށް މިފަދަ ކަމެއް ހިނގި ފަހަރެވެ.

ފަލަސްތީނުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ އިރު، ނާބްލުސްގެ ލޯކަލް ގަވަމެންޓުގައި ޓްރާންސްމިޝަންތަކުގެ އިސްވެރިއެއްގެ ގޮތުގައި ހުރި މީހާއަށް ބުރާސްފަތި ދުވަހު މި މައްސަލަ ފާހަގަވެ، ވަރަށް އަވަހަށް ވަނީ އެކަން ހައްލު ކޮށްފަ އެވެ.

މައްސަލަ ބެލުމަށް ފަލަސްތީނުގެ އިސްލާމިކް މިނިސްޓްރީން އެކުލަވާލި ޚާއްސަ ކޮމިޓީއަކުން ދަނީ، މިއީ މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއްތޯ، ނުވަތަ ބްރޯޑްކާސްޓް ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކުްނ ދިމާވި ކަމެއްތޯ ބަލަމުންނެވެ.

މީގެ ކުރިން ވެސް ފަލަސްތީނުގައި، މިސްކިތްތަކުގެ މުއައްޒިނުންގެ ފަރާތުން މިފަދަ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ބަންގި ގޮވާ މުއައްޒިނުން ބަންގި ގޮވުމަށް ފަހު މައިކްރޮފޯނު ނިއްވާލަން ހަނދާން ނެތުމުގެ ސަބަބުން ވާހަކަ ދައްކާ އަޑުތަކާއި، ކެއްސުހާއި ކިނބިހި އަޅާ އަޑު ނުވަތަ މީހުންނާ ވާހަކަ ދައްކައި، ހީނ ސަމާސާ ކުރާ އަޑުތައް މިސްކިތުގެ ސައުންޑު ސިސްޓަމުގެ ޒަރިއްޔާއިން ބޮޑު ސަރަހައްދަކަށް އަޑު އިވުން ފަދަ ހާދިސާތައް ހިނގާފައި އެބަ ހުއްޓެވެ.