14 Aug 2016, 14:23
އައިފޯން އެސްއީ ޕްރީ އޯޑާއަށް ދިރާގަށް ފައިސާ ދައްކާފައިވަނިކޮށް، އެއްބަސްވެފައިވާ ގޮތަށް އެ ފޯނު ނުވިއްކުމުން، ފައިސާ ދެއްކި ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 160،422 ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މ. ރިވެލިގެ، މުހައްމަދު ޝަފާއު ހަސަން ދިރާގާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން ޝަރީއަތް ހިންގުމަށްފަހު ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އައިފޯން އެސްއީ ޕްރީ އޯޑާ ކުރާ ފާރާތްތަކަށް މިއަހަރު އެޕްރީލު މަހުގެ ހަ ވަނަ ދުވަހު ފޯނު ހަވާލު ކުރާނެ ކަމަށް އެ ކުންފުނިން ބުނުމުން، 5،828.94 ރުފިޔާ ދައްކައި ހަލާސްކޮށްފައި ވަނިކޮށް، ދިރާގުން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށެވެ.
ޝަފާއު އެ ފައިސާ ދައްކާފައި ވަނީ މިއަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހު ދިރާގުން ތައާރަފް ކުރި ޕްރޮމޯޝަނެއްގައި ކަމަށް ހުކުމްގައިވެ އެވެ.
ދިރާގުން ފޯނު ވިއްކުމަށް ވެފައިވާ އެއްބަސްވުމާ ހިލާފުވެފައިވުމުން ޕްރީ އޯޑަރަށް ދައްކާފައިވާ 5،828.94 ރުފިޔާ ޝަފާއުއަށް ދިނުމަށާއި އޭނާއަށް މުޖުތަމައުގައި ކުރިމަތިވި ލަދުވެތިކަމާއި ނުތަނަވަސްކަމާއި ތަކުލީފުތަކާއި އެފަދަ ކަންކަން ދިރާގުގެ ފަރާތުން ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން 100،000 ރުފިޔާ އޭނާއަށް ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމްގައިވެ އެވެ.
އެ ހުކުމްގައި އިތުރަށް ބުނެފައި ވަނީ ދިރާގުން އެއްބަސްވި ގޮތަށް އައިފޯނު ނުވިއްކުމުން، ޝަފާއު އެހެން ފޯނެއް ގަންނަންޖެހުމުމުގެ ސަބަބުން އޭނާއަށް ކުރިމަތިވި މާލީ ދަތިތަކާއި ތަކުލީފަށް 4،593.90 ރުފިޔާ ދިނުމަށެވެ.
ޝަފާއުއަށް ލިބުނު ގެއްލުންތަކަށް ފަރުވާއެއް ހޯދުމަށް އައްޔަން ކުރި ގާނޫނީ ވަކީލަށް ހަރަދުކޮށްދައިވާ 50،000 ރުފިޔާ ވެސް ދިރާގުން އޭނާއަށް ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމްގައިވެ އެވެ.
ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ކުރި ހުކުމްގައި ބުނެފައި ވަނީ ޝަފާއުއަށް ދިރާގުން ދޭންޖެހޭ ޖުމްލަ 160،422.84 ރުފިޔާ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށެވެ.