ސްރީލަންކާގެ ކޮލޮމްބޯގައި، ޗައިނާ ސަރުކާރުގެ އެހީގައި ތަރައްގީ ކުރާ ކޮލޮމްބޯ ޕޯޓް ސިޓީގެ މަޝްރޫއު ހުއްޓިފައި އޮންނަތާ އަހަރެއް ވެފައިވާ އިރު، އެ މަސައްކަތް އަލުން ފެށުމަށް ޓަކައި އާ އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

ކޮލޮމްބޯ ޕޯޓު ސިޓީ މަޝްރޫއު ހިންގަނީ، ރާއްޖޭގައި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އަޅާ ކުންފުނި ކަމުގައިވާ ޗައިނާގެ ސީސީސީސީގެ ސަބްސިޑަރީއެއް ކަމުގައިވާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާއި ލަންކާ ސަރުކާރާ އެކު ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނި، ސީއެޗްއީސީ ޕޯޓް ސިޓީ ކޮލޮމްބޯ ޕްރައިވެޓް ލިމިޓެޑުންނެވެ.

ކޮލޮމްބޯ ބަނދަރާއި ގޯލް ފޭސް ގްރީންއާ ދެމެދު އޮންނަ ކަނޑުގެ ބޮޑު ސަރަހައްދެއް ހިއްކައިގެން ތަރައްގީ ކުރާ ކޮލޮމްބޯ ޕޯޓް ސިޓީގެ މަޝްރޫއު ފެށީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގެ ދުވަސްވަރު އެވެ. އެހެން ނަމަވެސް ރައީސް މައިތުރިޕާލަ ސިރިސޭނާގެ ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެ މަޝްރޫއު ވަގުތީ ގޮތުން ހުއްޓާލި އެވެ. މަޝްރޫއު ހުއްޓާލި އިރު ބޮޑު ސަރަހައްދެއް ހިއްކުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

މަޝްރޫއު ހިންގުމަށް ލަންކާ ސަރުކާރާއި މަޝްރޫއުގެ ކޮންޓްރެކްޓަރާ އެކު ސޮއި ކުރީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް، ޕޯޓު ސިޓީ މަޝްރޫއުގެ ކުރީގެ އެއްބަސްވުން އުވާލައި، އާ އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއި ކޮށްފަ އެވެ. އާ އެއްބަސްވުން އެކުލަވާލެވުނީ ތިން ފަރާތެއްގެ މެދުގަ އެވެ.

އެ ތިން ފަރާތަކީ ސީއެޗްއީސީ ޕޯޓް ސިޓީ ކޮލޮމްބޯ ކުންފުންޏާއި މިނިސްޓްރީ އޮފް މެގަލޮޕޮލިސް އެންޑް ވެސްޓަން ޑިވެލޮޕްމެންޓާއި އާބަން ޑިވެލޮޕްމެންޓް އޮތޯރިޓީ އެވެ.

މި އެއްބަސްވުން އެކުލަވާލާފައިވާ އިރު، ކޮލޮމްބޯ ޕޯޓް ސިޓީ މަޝްރޫއުގެ ނަން، ކޮލޮމްބޯ އިންޓަނޭޝަނަލް ފައިނޭންޝަލް ސިޓީގެ ނަމަށް ބަދަލު ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ސަރަހައްދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ވަރުގެ، ވިޔަފާރި އަދި މާލިއްޔަތާ ގުޅޭ ސަރަހައްދަކަށް ހެދުމަށް ލަންކާ ސަރުކާރުން ވަނީ ނިންމާފަ އެވެ.

މަޝްރޫއު ހިންގާ ކުންފުންޏާއި ލަންކާ ސަރުކާރުން ބުނާ ގޮތުގައި މި މަޝްރޫއުގެ ދަށުން 83،000 ވަޒީފާގެ އާ ފުރުސަތުކާއި، 13 ބިލިޔަނަށް ވުރެ ގިނަ ޑޮލަރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓު އަންނާނެ އެވެ. އަދި ކުރިޔަށް އޮތް 20 އަހަރުގެ ތެރޭގއި ލަންކާއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެގެން ދާނެ އެވެ.