14 Aug 2016, 14:55
ވޮލީބޯލް އެސޯސިއޭޝަންގެ އިންތިހާބާ ގުޅޭ ގޮތުން އެޓާނީ ޖެނަރަލްގެ ގާނޫނީ ލަފާފުޅެއް ލިބެންދެން މިހާރު ކުރިއަށްގެންދާ މުބާރާތްތައް ފިޔަވައި އެހެން އެއްވެސް މުބާރާތެއް ނުފެށުމަށް ކުޅިވަރާ ބެހޭ ވުޒާރާ އިން އަންގައިފި އެވެ.
މިނިސްޓްރީ އިން ވަނީ އިންތިހާބާ ބެހޭ ގޮތުން ވަކި ގޮތެއް ނުނިމެނީސް އިތުރު އެއްވެސް މުބާރާތެއް ކުރިޔަށް ނުގެންދިމަށް ވޮލީ ބޯޅަ އެސޯސިއޭޝަނަށް އަންގައި ގާނޫނީ ލަފައެއް ލިބުނުހާ އަވަހަށް އަމަލުކުރަންވީ ގޮތެއް މިނިސްޓްރީން ވޮލީ އެސޯސިއޭޝަނަށް އަންގާނެ ކަމަށް ބުނެ ސިޓީއެއް ފޮނުވައިފަ އެވެ.
ވޮލީ ބޯޅަ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން މިހާރު ކުރިޔަށްގެންދަނީ އިންޓަ ރިސޯޓް ފުޓްސަލް ލީގު އެވެ.
ސްޕޯޓްސް ކޮމިޝަން އާއި ވޮލީ ބޯޅަ އެސޯސިއޭޝަނާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ޔޫތު މިނިސްޓްރީ އިން ވަނީ އެކަމުގައި އެޓާނީ ޖެނަރަލްގެ ގާނޫނީ ލަފައެއް ލިބެންދެން އިންތިހާބަށް އަލުން ގޮވާނުލުމަށް އޮލިމްޕިކް ކޮމެޓީއަށް ސިޓީ އަކުން އަންގައިފަ އެވެ.
އަސާސީ ގަވާއިދާ ހިލާފަށް އިންތިހާބު ބާއްވާފައިވާ ކަމަށް ބުނެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނާޝީދު ވަނީ ވޮލީ ބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު ބާތިލްކޮށް 30 ދުވަހުގެ ތެރޭގައި އަލުން އިންތިހާބެއް ބޭއްވުމަށް އޮލިމްޕިކް ކޮމެޓީއާ ހަވާލުކޮށްފަ އެވެ.
ނަމަވެސް ވޮލީބޯޅަ އެސޯސިއޭޝަނުން ވަނީ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ އެންގުމަށް އަމަލު ނުކުރާނެ ކަމަށް ބުނެ ގާނޫނީ ގޮތުން ކުޅިވަރު އެސޯސިއޭޝަންގެ ބެލެނިވެރި ފަރާތަކީ ހޯމް މިނިސްޓްރީ ކަމަށާއި ކުލަބް ޖަމިއްޔާތަކަށް ފިޔަވަޅު އަޅަން ޖެހޭ ފަރާތަކީ ޖަމިއްޔާގެ ރަޖިސްޓްރާ ކަމަށް ބުނެފަ އެވެ.