14 Aug 2016, 14:49
ޒޫރިކް (އޮގަސްޓް 14): ސުވިޒަލޭންޑުގެ ރޭލެއްގައި ތިބި މީހުންނަށް ވަޅިން ހަމަލާދީ ރޭލުގައި ރޯކޮށްލުމުގެ ސަބަބުން ހަ މީހަކަށް އަނިޔާވެފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި 27 އަހަރުގެ ސުވިޒަލޭންޑުގެ ރައްޔިތަކު ރޭލުގައި ތިބި މީހުންނަށް ވަޅިން ހަމަލާ ދީފައި ވަނީ ރޭލު ތެރޭގައި ރޯވާ ޒާތުގެ ދިޔާ އެއްޗެއްގައި ރޯ ކުރުމަށް ފަހު އެވެ.
އެ ހަމަލާގެ ސަބަބުން އަނިޔާވި މީހުންގެ ތެރޭގައި ހަ އަހަރުގެ ކުއްޖަކު ވެސް ހިމެނޭ އިރު ހަމަލާ ދިން މީހައަށް ވެސް އަނިޔާވުމުގެ ސަބަބުން އޭނާ އަށް ވަނީ ފަރުވާ ދީފަ އެވެ.
މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުން ވަނީ އެއީ ޓެރަރިސްޓު ހަމަލާއަކަށް ވުން އެކަށީގެންވާ ކަމަށް ބުނެފަ އެވެ.
"މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ނުވަތަ ނޫން ކަމަށް އަދި ބުނެވޭކަށް ނެތް،" ފުލުހުން ތަރުޖަމާނު ވިދާޅުވި އެވެ.
ފުލުހުން ވަނީ އެ ހާދިސާގެ ސަބަބުން ރޭލަށް ލިބުނު ގެއްލުމުގެ އަގު 103،000 ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ.
،މިދިޔަ މަހު އަފްގާނިސްތާނުގެ ޒުވާނަކު ވަނީ ޖަރުމަނުގެ ރޭލެއްގައި ހަތަރު މީހަކަށް ކޯރާޑިއަކުން ހަމަލާ ދިނުމަށް ފަހު ފިލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ ގަޔަށް ބަޑި ޖަހައި މަރާލައިފަ އެވެ. އަދި އައިއެސް އިން ވަނީ ހަމަލާ ދިން ޒުވާނާގެ ވީޑިއޯއެއް އާއްމުކޮށް، ހަމަލާގެ ޒިންމާ ނަގާފަ އެވެ. (ބީބީސީ)