ކުނީގެ ގޮތުގައި ބޮޑެތި އެއްޗެހި އުކާލުމަށް "ކޯލް އެންޑް ޕިކަޕް ސާވިސް" (ކެޕްސް) ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން އިފްތިތާހު ކޮށްފި އެވެ.

މިއަދު އެންވަޔަރަންމަންޓު މިނިސްޓްރީއެއްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފްތިތާހް ކޮށްދެއްވީ އެންވަޔަރަންމަންޓު މިނިސްޓަރު ތާރިގު އިބްރާހީމެވެ. އެ ހިދުމަތަށް ގާއިމްކޮށްފައިވާ ހޮޓްލައިން އެއްވެސް ވަނީ މިއަދުގެ ރަސްމިއްޔާތުގައި ތައާރަފްކޮށްފަ އެވެ. ވެމްކޯ އިން ތައާރަފް ކުރި ހޮޓްލައިން އަކީ 1666 އެވެ.

މާލޭގެ ގޭގޭގައި އުފެދޭ ކުނީގެ ތެރެއިން ބޮޑެތި ކުނި އުކާލުމަށް ލުއި ފަސޭހައެއް ގެނައުމަށް ވެމްކޯ އިން ތައާރަފް ކުރި އެ ހިދުމަތް މިއަދުން ފެށިގެން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮންމެ ދުވަހަކުވެސް މެންދުރު 2.00ން ރޭގަނޑު 10.00ށް ދޭ އެ ހިދުމަތް ދިނުމަށް ބޭނުން ކުރަން ހަމަޖެހިފައި ވަނީ ދެ ޕިކަޕު ކަމަށް އެ ކުންފުނިން ބުނެ އެވެ. އެއީ 350 ކިލޯގެ ޕިކަޕަކާއި، 1.5ޓަނުގެ ޕިކަޕެކެވެ. ވެމްކޯ އިން ބުނީ 350ކިލޯގެ ޕިކަޕުން ކުނި އުކާލަދޭނީ 250 ރުުފިޔާއަށް ކަމަށާއި، 1.5ޓަނުގެ ޕިކަޕުން 550 ރުފިޔާއަށް ކަމަށެވެ. އެއީ ޖީއެސްޓީ އާއި ޓްރާންފާ ފީ އާއި ގޭޓު ފީ އާ އެކު ޖުމްލަ އަގު ކަމަށް ވެމްކޯ އިން ބުނެ އެވެ.

ކޯލް އެންޑް ޕިކަޕް ސާވިސް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ ހިދުމަތަށް ތަރުހީބު ލިބޭނަމަ ކުރިއަށް އޮތް ތަނުގައި ހިދުމަތްފުޅާ ކުރުމަށް އިތުރު ވެހިކަލްތައް ގެންނާނެ ކަމަށެވެ. އަދި މިހާރު ވަކި ވަގުތުތަކެއްގައި ހިދުމަތް ދިން ކަމުގައި ވިޔަސް އެއީ 24 ގަޑި އިރަށް ލިބޭނެ ހިދުމަތަކަށް ހައްދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޯލް އެންޑް ޕިކަޕް ސާވިސް ގެެ ދަށުން ކުނި އުކާލަދޭ އަގު އެހެން ފަރާތްތަކުން އެ ހިދުމަތްދޭ އަގަށްވުރެ 30 ޕަސަންޓު ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ހިދުމަތް ފެށުމުގެ ސަބަބުން އެ ހިދުމަތްދޭ އެހެން ފަރާތްތަކުން ވެސް ހެޔޮ އަގުގައި ރައްޔިތުންނަށް އެ ހިދުމަތްދޭން ފަށާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.