28 May 2011, 16:00
ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ވިހަން ވެއްދި މީހަކު ސިޒޭރިއަން ހެދުމަށް ފަހު ލޭ މަނާނުވެ، ރޭ މަރުވެއްޖެ އެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ އަތޮޅު ފުނަދޫ، ބަޝީރީހިޔާ މަރިޔަމް ޝަމީމާ، 36، ސިޒޭރިއަނަށް ފަހު ލޭމަނާ ނުވެ، ހިތް ހުއްޓިގެން ރޭ ދަންވަރު 12:25 ހާކަންހާއިރު މަރުވީ، އެވަގުތު ފްލައިޓެއް ހަމަނުޖެހުމުން މިއަދު ހެނދުނު އެމްއެންޑީއެފުގެ ހެލިކޮޕްޓަރުގައި މާލެ ގެނައުމަށް ތައްޔާރުކޮށްފައި ވަނިކޮށް ކަމަށެވެ.
ހޮސްޕިޓަލުން އަދި ބުނީ ނުވިހައިގެން އިއްޔެ ހަވީރު 4:00 ޖެހިއިރު އޮޕަރޭޝަނަށް ވެއްދުމަށް ފަހު ޝަމީމާ ނެރުނީ ރޭ 8:00 ޖެހި ފަހުން ކަމަށެވެ. އަދި ސިޒޭރިއަނަށް ފަހު ނެގި ޝަމީމާގެ ހަތަރު ވަނަ އަދި ތުއްތު ފިރިހެން ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ، ޝަމީމާގެ ސިޒޭރިއަނަށް ފަހު ލޭ މަނާކުރުމަށް ހޮސްޕިޓަލުން ދެވެން ހުރި އެންމެ ރަނގަޅު ފަރުވާދީ، ކޮންމެ ވެސް ވަރަކަށް ލޭ މަނާ ކުރެވުނު ކަމަށާއި ނަމަވެސް އެއީ ދާއިމީ ހައްލަކަށް ނުވުމުން މާލެ ފޮނުވުމަށް ޑޮކްޓަރުން ލަފާދިން ކަމަށެވެ.
ޝަމީމާގެ އާއިލާ އިން ވާހަކަ ދެއްކި ހުސައިން ރަޝީދު މިއަދު ބުނީ އޭނާގެ ފަހަރި، ޝަމީމާގެ ސިޒޭރިއަނަށް ފަހު ލޭ މަނާނުވެ މަރުވުމުގައި ތަފާތު ގޮތްގޮތަށް ވާހަކަ ދައްކާ ކަމަށެވެ. އެގޮތުން ކުއްޖާ ނެގުމުގައި އެތެރެހަށީގެ ނާރުތަކެއް ބުރިވި ކަމަށް ވާހަކަ ދައްކާ ކަމަށާއި އަދި ނުބައި މަހެއް އޮތް ވާހަކަ ވެސް ދައްކާ ކަމަށެވެ. ނަމަވެސް ރަޝީދު ބުނީ ނުބައި މަހެކޭ ކިޔައިގެން ދައްކާ ވާހަކަ އޭނާ އަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
އޭނާ ބުނި ގޮތުގައި ފަހަރި ލޭ މަނާ ނުވެ މަރުވި ކަމަށް ހޮސްޕިޓަލުން ބުނީ ހަތަރު ޕައިންޓް ލޭ ވެސް އެޅި ފަހުން ކަމަށެވެ.