އޮލިމްޕިކް ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ސެމީ ފައިނަަލަށް ބްރެޒިލާއި، ޖަރުމަނާއި ނައިޖީރިއާ އަދި ހޮންޑޫރަސް ދަތުރުކޮށްފި އެވެ.

އަމިއްލަ ގައުމުގައި ކުރިއަށްދާ ފުޓްބޯޅަ އިވެންޓުގެ ފައިނަލުން ބްރެޒިލް ޖާގަ ހޯދާފައި ވަނީ މިއަދު ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލުގައި 2-0 ލަނޑުން މޮޅުވެގެންނެވެ. ބްރެޒިލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަރި ނޭމާ އާއި ލުއާން އެވެ.

ސެމީން ޖަރުމަން ޖާގަ ހޯދާފައި ވަނީ ކުއާޓާގައި ޕޯޗުގަލް އަތުން ފަސޭހަކަމާއެކު 4-0 ލަނޑުން މޮޅުވެގެންނެވެ. ޖަރުމަނުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސާޖް ނަބްރޭ އާއި، މެތިއަސް ގިންޓާ އާއި، ޑޭވީ ސެލްކާ އަދި ފިލިޕް މެކްސް އެވެ.

ނައިޖީރިއާ އަށް ލީޑު ހޯދައިދިނުމަށް ފަހު، ޓީމުގެ ކުޅުންތެރިންނާއެކު ކެޕްޓަން ޖޯން އޮބި މިކެލް(ވ) އުފާފާޅުކުރަނީ: ޑެންމާކްއާ ދެކޮޅަށް ކުޅުނު ކުއާޓާގެ މެޗުން 2-0 ލަނޑުން މޮޅުވެ، ނައިޖީރިއާ އިން ވަނީ ސެމީގެ ޖާގައެއް ހޯދާފައި --- ފޮޓޯ: އޭޕީ

ސެމީން ނައިޖީރިއާ ޖާގަ ހޯދާފައި ވަނީ ކުއާޓާގައި ޑެންމާކް އަތުން މޮޅުވެގެންނެވެ. އެ މެޗުން ނައިޖީރިއާ މޮޅުވެފައިވަނީ 2-0 ލަނޑުންނެވެ. އެ މެޗުގައި ނައިޖީރިއާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ޖޯން އޮބި މިކެލް އާއި އަމީނޫ އުމަރު އެވެ.

އެ މުބާރާތުގެ ސެމީން ހޮންޑޫރަސް ޖާގަ ހޯދާފައި ވަނީ ކުއާޓާގައި ސައުތު ކޮރެއާ އަތުން މޮޅުވެގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުން ހޮންޑޫރަސް މޮޅުވެފައި ވަނީ 1-0 ލަނޑުންނެވެ. މެޗުގައި ހޮންޑޫރަސް އިން ކާމިޔާބު ކުރި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލްބާތު އެލިސް އެވެ.

އެ މުބާރާތުގެ ސެމީގެ ޖާގަތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު އެވެ. ސެމީގެ ފުރަތަމަ މެޗުގައި ބްރެޒިލް އާއި ހޮންޑޫރަސް ބައްދަލުކުރާ އިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ނައިޖީރިއާ އާއި ޖަރުމަނެވެ. އެ މެޗުތަކުން މޮޅުވާ ދެ ޓީމަށް މި މަހުގެ 20 ވަނަ ދުވަހު ކުޅޭ ފައިނަލުން ޖާގަ ލިބޭނެ އެވެ.