14 Aug 2016, 14:32
މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖޭގެ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ދާ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު ސައުދީ އަރަބިއްޔާއަށް ދިއުމަށް މާދަމާ ރޭ ފުރާނެ އެވެ.
މޫކައި ހޮޓެލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދުރީސް ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މި އަހަރު ރާއްޖެއިން ހައްޖަށް ދާ 1،000 ހައްޖުވެރިންގެ ތެރެއިން ފުރަތަމަ ގުރޫޕު މާދަމާ ރޭ ފުރާނެ ކަމަށެވެ.
ޔާމިން ވިދާޅުވީ، ހައްޖުވެރިން މާލެއިން ހުޅުލެއަށް ދަތުރުކުރުމަށް ޚާއްސަ ފެރީތައް މާދަމާ 4:30 އިން ފަށައިގެން އޮންނާނެ ކަމަށެވެ.
"ފުރަތަމަ ފްލައިޓުގެ ހުރިހާ ކަމެއް މިހާރު ވަނީ ތައްޔާރުކޮށް، ހަމަޖެހިފައި. ވިސާ ޖެހުމާއި އެހެނިހެން ކަންކަން ވެސް ނިމިފައި ވާނީ،" ޔާމިން ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަނުގެ ހައްޖާޖީން މާލެއިން ސައުދީ އަރަބިއްޔާއަށް ގެންދިއުމުގެ ދަތުރުތައް މި އަހަރު ކޮށްދެނީ ސައުދިއްޔާ އެއާލައިނުންނެވެ. ހައްޖުވެރިން ސައުދީއަށް ގެންދިއުމަށް ސައުދިއްޔާއިން ޖުމްލަ ހަތަރު ފްލައިޓެއް ބާއްވާނެ އެވެ.
ހައްޖު ކޯޕަރޭޝަނުގެ ފުރަތަމަ ހައްޖުވެރިންގެ ގްރޫޕު މާދަމާ ފުރާ އިރު، ދެވަނަ ފްލައިޓު އޮންނާނީ މި ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. އަދި ތިންވަނައާއި ހަތަރުވަނަ ފްލައިޓު އޮންނާނީ އަންނަ ހަފްތާގެ އާދީއްތަ އަދި ހޯމަ ދުވަހު ކަމަށް ހައްޖު ކޯޕަރޭޝަނުގެ އެމްޑީ ޔާމިން އިދުރީސް ވިދާޅުވި އެވެ.
ޔާމިން ވިދާޅުވީ މާދަމާ ސައުދީއަށް ދާ ފުރަތަމަ ހައްޖާޖީންގެ ގްރޫޕަށް ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރުމަށް ހައްޖު ކޯޕަރޭޝަނުގެ ފަރާތުން، އަށް މީހުންގެ އެޑްވާންސް ޓީމެއް އިއްޔެ މައްކާއަށް ގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުގެ ހައްޖުވެރިންނަށް، ދީނީ އަދި އެހެނިހެން މައުލޫމާތާއި، ހައްޖާ ބެހޭ މައުލޫމާތު ދިނުމުގެ ޓްރެއިނިންގ ޕްރޮގްރާމުތަކުގެ ސެޝަންތައް ހިންގަމުން އަންނަ ކަމަށެވެ.
މި އަހަރު ރާއްޖެއަށް 2،000 މީހުންގެ ހައްޖު ކޯޓާ ލިބިފައިވާ އިރު، ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަ ބެހޭ އުސޫލުގެ 22 ވަނަ މާއްދާ ބުނާ ގޮތުން، ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ 50 ޕަސަންޓު ކޯޓާ، އިސްލާމިކް މިނިސްޓްރީން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދޭނެ އެވެ.