އަޔާދީ ތަކާފުލް އިން މިދިޔަ ރަމަޟާން މަހު ހިންގި އުމްރާ ތަކާފުލްގެ ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައި، އޭނާ އަށް ތިން ހަރަމް އުމްރާ ދަތުރެއް ދީފި އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅިގެން ހިންގި އުމްރާ ތަކާފުލް ޕްރޮމޯޝަނަކީ މި އަހަރުގެ ރަމަޟާން މަހު އުމްރާއަށް ދިއުމަށް ޓަކައި، އަޔާދީ ތަކާފުލްގެ އުމްރާ ތަކާފުލްގެ ޚިދުމަތް ހޯދި ފަރާތްތަކުގެ މެދުގައި . ޚިދުމަތް ހޯދި ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި، ނަސީބުވެރިއަކަށް ހޮވުނީ ސަމީރާ އިބްރާހިމެވެ.

ސަމީރާ އަށް ތިން ހަރަމް އުމްރާ ޕެކޭޖުގެ އިނާމު ހަވާލުކުރެއްވީ، މިއަދު މޫކައި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި، ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ޔާމިން އިދުރީސް އެވެ.

އެލައިޑް އިންޝުރަންސްގެ މާކެޓިންގް މެނޭޖަރު ނިއުޝާދު ވިދާޅުވީ، ޕްރޮމޯޝަން ހިންގި ދުވަސްވަރު، 100 އަށް ވުރެ ގިނަ މީހުން އުމްރާ ތަކާފުލްގެ ޚިދުމަތް، އެކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއިން ހޯދި ކަމާށެވެ.

އެލައިޑް އިންޝޫރަންސްގެ ހައްޖު އަދި އުމްރާ ތަކާފުލް ޕެކޭޖަށް ޕްރީމިއަމްގެ ގޮތުގައި ދައްކަން ޖެހެނީ ހައްޖު ނަމަ 1،000 ރުފިޔާ، އަދި އުމްރާ ނަމަ 750 ރުފިޔާ އެވެ. މި ޕެކޭޖުތައް ނެގުމުން އެއްލައްކަ ރުފިޔާގެ އިންޝޫރަންސް ކަވަރޭޖް ލިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ބަދަލު ލިބޭ ކަންކަމުގެ ތެރޭގައި، ޗެކްއިން ކޮށްފައި ހުންނަ ލަގެޖު ފަދަ ތަކެތި ގެއްލިގެން، ނުވަތަ ޗެކްއިން ކުރުމަށް ފަހު އަނބުރާ ލިބުން ލަސްވެގެން ދިމާވާ ގެއްލުންތަކާއި، ޕާސްޕޯޓު، ފައިސާ ނުވަތަ އެހެނިހެން ތަކެތި ގެއްލުން ހިމެނެ އެވެ.

ޕްރޮމޯޝަނުގެ ނަސީބުވެރިޔާއަށް ހައްޖު ކޯޕަރޭޝަނުން ލިބުނު ތިން ހަރަމް އުމްރާ ޕެކޭޖަކީ 50،000 ރުފިޔާގެ އަގުހުރި ޕެކޭޖެކެވެ. މި ޕެކޭޖުގެ ދަށުން ސައުދީ އަރަބިއްޔާގައި ހުންނަ ދެ ހަރަމުގެ އިތުރުން ފަލަސްތީނުގައި ހުންނަ މަސްޖިދުލް އަޤްސާއަށް ވެސް ދާނެ އެވެ.

މި ދަތުރުގައި، ފުރަތަމަ ދަނީ ޖޯޑަން އަށެވެ. ޖޯޑަންއަށް ގޮސް އެތަނުގައި ދެ ދުވަސް ހޭދަ ކުރުމަށް ފަހު، ފަލަސްތީނަށް ދަތުރު ކުރާނެ އެވެ. އަދި ފަލަސްތީނުގައި ޖުމްލަ ތިން ރޭ ހަތަރު ދުވަސް ހޭދަ ކުރުމަށްފަހު، އެނބުރި ޖޯޑަނަށް ގޮސް، ދެން ދާނީ އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާ އަދި މަދީނާއަށެވެ.

ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރު ޔާމިން އިދުރީސް ވިދާޅުވީ، އެ ކޯޕަރޭޝަނުގެ ތިން ހަރަމް އުމްރާ ދަތުރު އޮންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.