14 Aug 2016, 12:37
ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލް އަދި މިހާރު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ތިން އަހަރުގެ ކުއްޖަކު ބީރުވި ކަމަށް ބުނާ މައްސަލައެއްގެ ބަދަލުގެ ގޮތުގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ނަގައި ދެވެން ނެތް ކަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 އަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.
ސިވިލް ކޯޓާއި ހައިކޯޓުން ހުކުމް ކުރީ ތިން އަހަރުގެ ކުޑަ އަންހެން ކުއްޖާގެ ދެ ކަންފަތް ބީރުވި މައްސަލާގައި 7.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދެވެން ނެތް ކަމަށެވެ. އެ ހާދިސާ ހިނގާފައި ވަނީ 2007 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ސިވިލް ކޯޓުން އެ މައްސަލަ ނިންމައި ހުކުމް އިއްވީ 2009 ވަނަ އަހަރުގެ ތެރޭގައެވެ.
ހައިކޯޓުން ކުރި ހުކުމްގައި ވަނީ އެ ކުއްޖާގެ ކަންފަތުގެ އިވުން ގެއްލިފައި ވަނީ އިންޖެކްޝަނެއްގެ ސަބަބުން ކަމުގައި ވިޔަސް އެއީ ޑޮކްޓަރުންގެ އިހުމާލުން މެދުވެރިވި ކަމެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.
އެ ކުއްޖާގެ ކަންފަތް ބީރުވުމުގެ ސަބަބު ކަމަށް ބުނާ ބޭސް އެ ކުއްޖާ އަށް ދީފައި ވަނީ އެ ކަމަށް އޮންނަ އުސޫލުތަކުގެ ދަށުންކަން ހެކިންގެ ބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް ހައި ކޯޓުން ކުރި ހުކުމްގައިވެ އެވެ.