ދިވެހިން އުފައްދާ ކޮމްޕިއުޓަރު ސޮފްޓްވެއާތަކާއި މޮބައިލް އެޕްލިކޭޝަންތައް ރާއްޖޭން ބޭރުގައި ދެން އެންމެ އަވަހަށް ބާއްވާ އިންވެސްޓްމަންޓް ފޯރަމްއެއްގައި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު އެހެން ވިދާޅުވީޒުވާނުންނަށް ހާއްސަކޮށް ވިޔަފާރީގެ ފުރުސަތު ހުޅުވާލުމަށް ސަރުކާރުން ތައާރަފް ކުރި ގެޓްސެޓް ލޯނު ލިބިގެން ވިޔަފާރީ ފަށައިގެން ތިބި ޒުވާނުންނާ އިކޮނޮމިކް މިނިސްޓްރީން ބައްދަލު ކުރުމަށް މިއަދު ހެނދުނު އައިޖީއެމްއެޗުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ވަރަށް ގިނަ ޒުވާނުން އައިޓީ ދާއިރާގައި ހަރަކާތްތެރިވާ ކަމަށާއި އެފަދަ ޒުވާނުންނަށް ރާއްޖޭގެ އިތުރުން ބޭރުގެ މާކެޓްތަކުގައި ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށެވެ.

"މިސާލަކަށް ބީއެމްއެލް އެޕް އަދި އެހެންވެސް އަދި ވިޔަފާރި އެޕްތައް ވެސް، މިކަހަލަ އެޕްސް ނުވަތަ ސޮފްޓްވެއާތައް ވަރަށް ފަރިތަކަމާ އެކު މީހުން އެބަ ބޭނުންކުރޭ. އަޅުގަނޑުމެންނަށް ހީވަނީ މިފަދަ އެޕްލިކޭޝަންތައް ބޭރުގެ މާކެޓްތަކަށް ވިކިދާނެތޯ، މިއީ އަޅުގަނޑުމެން މި ބަލަން ބޭނުންވާ ކަމަކީ. އެފަދަ މާކެޓްތައް އެއަށް ހޯދައިދީގެން ކަންނޭނގެ މިކަހަލަ ކްރިއޭޓިވް މަސައްކަތްތައް ވައިގައި ހިފާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު ދިއްލީގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖޭގައި އުފައްދާފައިވާ ފަސް އެޕްލިކޭޝަނެއް ދައްކައިލާނެ ކަމަށެވެ. އޭގެ ބޭނުމަކީ ބޭރުގެ ގައުމުތަކުގައި އެފަދަ އެޕްލިކޭޝަންތަކަށް ޑިމާންޑް ހޯދައިދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިކުރާނީ ރާއްޖޭގައި ޒުވާނުންނަށް މުބާރާތެއް ގޮތަށް ސޮފްޓްވެއާ އެޕްލިކޭޝަން ތައްޔާރުކުރަން ހުޅުވާލުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއަށްފަހު ޖަޖްކޮށްގެން އޭގެތެރެއިން ހޮވާލެވޭ ފަސް ސޮފްޓްވެއާ އެޕްލިކޭޝަނެއް އިންވެސްޓްމަންޓް ފޯރަމްއަށް ގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދިވެހި އުފެއްދުންތަކަކީ ހަމައެކަނި ލިޔެލާޖެހި އެއްޗިއްސެން ނޫން. ހަމައެކަނީ ލިޔެލާޖެހުން އެއީ ހަމައެކަނި ރާއްޖޭގެ އުފެއްދުންކަމަށް ޕްރޮމޯޓްކޮށްފަ ތިއްބަކަސް ނެތް ވާކަށް. ކްރިއޭޓިވް މަސައްކަތްތައް ފެންނަ އައިޓީ ދާއިރާވެސް އެބަޖެހޭ ހަމަ ޕްރޮމޯޓް ކުރަން،" މިނިސްޓަރު ވިދާލުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމް ބާއްވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.