14 Aug 2016, 12:04
ކޭން (އޮގަސްޓް 14): ފްރާންސުގެ ކޭންގައި ބާކިނީ ނުވަތަ މުސްލިމް ސުވިމްވެއާ މަނާ ކުރުމަށް އެ ސިޓީގައި ހެދި ގަވާއިދަށް ނީސްގެ ކޯޓަކުން ތާއިދުކޮށްފި އެވެ.
ކޭން އާއި ކައިރީގައިވާ ބައެއް އަވަށްތަކުގައި މި މަސް ނިމެންދެން ބާކިނީ މަނާކޮށްފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ. އެގަވާއިދުގެ ދަށުން އެމުއްދަތު ތެރޭގައި ބާކިނީ ލައިގެން އުޅޭ މީހަކު 42 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ އެވެ.
އެ ނިންމުމާ ގުޅިގެން ކަލެކްޓިކް އެގެއިންސްޓް އިސްލާމޮފޯބިއާ އިން ފްރާންސް (ސީސީއައިއެފް) އިން ނީސްގެ ކޯޓަށް ހުށަހެޅި މައްސަލައާ ބެހޭ ގޮތުން ކޯޓުން ބުނެފައި ވަނީ އެ ނިންމުމަކީ "ގަވާއިދުތަކަށް ބޯނުލެނބުމުގެ ގޮތުން ދީން އުޒުރަކަށް ދެއްކުން ބޭނުން ކުރުން" މަނާ ކުރާ ފްރާންސުގެ ގާނޫނެއްގެ ދަށުން ހަދާފައިވާ ގަވާއިދެއް ކަމަށް ބުނެފަ އެވެ.
އަދި އެފިޔަވަޅު އަޅާފައި ވަނީ ނީސްގައި މިދިޔަ ޖުލައި މަހު ދިން ހަމަލާއާ ގުޅިގެން އެ ސިޓީގައި ކުއްލި ހާލަތު އިއުލާން ކުރުމުން ކަމަށް ކޯޓުން ފާހަގަ ކުރި އެވެ.
ކޯޓުގެ ނިންމުމާ ގުޅިގެން ސީސީއައިއެފުން ވަނީ އެ މައްސަލަ ފްރާންސުގެ އެންމެ މަތީ ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އަދި އެ ނިންމުމުގެ ސަބަބުން އާއްމު ތަންތަނުން ދީން ރަމްޒުކޮށް ދޭ ހުރިހާ ތަކެތި ބޭނުން ކުރުން މަނާ ކުރުމަށް ފުރުސަތު ލިބޭ ކަމަށް ބުނެފަ އެވެ.
މީގެ ކުރިން، ދެހާސްއެގާރަ އަހަރު ފްރާންސުން ވަނީ އެ ގައުމުގައި މޫނު ބުރުގާ އެޅުން މަނާކޮށްފަ އެވެ. (ބީބީސީ)