28 May 2011, 15:07
ގޭޓްވޭ ޝިޕިން ލިމިޓެޑްގެ ބޯޓެއްގައި މަސައްކަތްކުރާ ގިނަ ފަޅުވެރިންތަކަކަށް އަށް މަސް ދުވަހުގެ މުސާރަ ނުދޭކަމަށް ބުނެ އެ ބޯޓުގެ މާލޭ ބަނދަރުގައި ހިސާރުކޮށްފި އެވެ.
ގޭޓްވޭ ޕްރައިވެޓް ލިމިޓެޑްގެ ކާގޯ ބޯޓު ގޭޓްވޭ ޕްރެސްޓީޖްގެ އިސް ވަޒީފާއެއްގައި ތިން އަހަރުވެފައިވާ ފަޅުވެރިއަކު މިއަދު ބުނީ ގާތްގަނޑަކަށް އަށް މަސް ދުވަހުގެ މުސާރަ އާއި އިނާޔަތްތަކަށްވާ 400000 އަށް ވުރެ ގިނަ ރުފިޔާ ނުދޭ ކަމަށާއި އެ ފައިސާ ހޯދުމަށް ބޯޓުގެ އިސް ފަރާތާ އެކު ވަރަށް ގިނަ ފަހަރު ވާހަކަ ދައްކާފައިވާނެ ކަމަށެވެ.
"ސުލްހަ ވެރިކަމާ އެކު އޯނަރާ ވާހަކަ ދައްކައިގެން ހައްލުކުރަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފިން. އެކަމަކު އޯނަރު ޖަވާބެއް ނުދެއްވާ،" ނަން ހާމަކުރަން ބޭނުންނުވާ އެ ފަޅުވެރިޔާ ބުންޏެވެ.
އޭނާ ބުނީ ގިނަ ދުވަސްތަކެއްގެ މުސާރަ ނުދީ އޮތުމުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެހެން ވަޒީފާ އަކަށް ވެސް ނުދެވިގެން އުޅެނީ ލިބެން ޖެހޭ ލާރި ނުލިބޭތީ ކަމަށް ވެސް އޭނާ ބުންޏެވެ.
"މި ލާރި ނުލިބެނިސް ދެވޭކަށް ވެސް ނެތް. އެކަމަކު އަޅުގަނޑުގެ އާއިލާ އަށް ވެސް ކިޔަވަދީ ކާންދޭން ވެސް ޖެހޭ،" އެމީހާ ބުންޏެވެ.
މުސާރައިގެ މައްސަލައިގާ ބޯޓުން ފޭބުމަށް މިހާރު ކުންފުނީގައި އެދިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް މުވައްޒިފަކު އެމީހުން ތިބި ވަޒީފާތަކުން ވަކިކޮށްފައި ނުވާކަމަށް ވެސް އެ ފަޅުވެރިންބުނެ އެވެ.
ގިނަ އަދަދެއްގެ ފައިސާތަކެއް ނުދޭކަމަށް ޕްރެސްޓީޖް ބޯޓުގެ މުވައްޒިފުން ބުނާއިރު އެ ބޯޓުގެ ވެރިފަރާތް އަހުމަދު ޝަރީފް (ޖަކާޓާ ޝަރީފް) މިއަދު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
"އެހެންވެ އަޅުގަނޑު އެކަމާ އެއްޗެއް ބުނާކަށް ބޭނުމެއް ނޫން،" ޖަކާޓާ ޝަރީފް ވިދާޅުވި އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ވެސް ވަނީ އެ ބޯޓުން ތެލާއި ފެން ހުސްވެ އިންޑިޔާގެ ޓުޓްކޮރިން ބަނދަރުގައި ތާށިވެ މައްސަލަތަކެއް ދިމާވެފަ އެވެ.