ބޮލީވުޑްގެ ގިނަ ފަންނާނުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. ކުޅަދާނަ އެކްޓަރު ރިތިކް ރޯޝަން އަކީ ވެސް ކުރިން ދުންފަތުގެ އިސްތިއުމާލު ކުރި މީހެކެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން އޭނާ ވަނީ ދުންފަތާ ދުރަށް ގޮސްފަ އެވެ.

ުދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ފަހު އެކަމާ ގުޅޭ ގޮތުން ރިތިކް މި ވަނީ ވާހަކަ ދައްކައިފަ އެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި ސިނގިރޭޓަކީ ދުނިޔޭގައި މީހުން އުފައްދާ އަދި ވިއްކާ އެންމެ ނުބައި ޝައިތާނު. ސިނގިރޭޓަކީ އުފައްދަން ހެޔޮވާ ވަރު އެއްޗެއް ނޫން،" ރިތިކް ބުންޏެވެ.

ރިތިކް ބުނީ ދުންފަތާ ސިނގިރޭޓާ ދުރަށް ދާން ބޭނުންވާ ފަރާތްތަކަށް ހިތްވަރެއް ކަމުގައި އޭނާ ވާނެ ކަމަށެވެ.

"އަހަންނަށް ހީވަނީ ދުންފަތާ ދުރަށް ދާން ބޭނުންވެފައި ތިބި މީހުންނަށް ބޭނުންވަނީ ރޯލް މޮޑެލް އެއް ހެން. ދުންފަތާ ދުރަށް ދިއުމުން ލިބޭ ހިތްހަމަ ޖެހުމާ ފަސޭހައާ ގުޅޭ ގޮތުން ވާހަކަ ދައްކާނެ މީހަކު. އަހަރެން ވަރަށް ބޭނުން އެކަހަލަ ނަމޫނާ އަކަށް ވާން. ދުންފަތާ ދުރުވާން މަސައްކަތް ކުރުމަށް ފަހު ވަރަށް އުނދަގުލުން ހުއްޓާލެވުނު އެކަމު މިހާރު ހުއްޓާލެވުނީތީ އުފާކުރާ މީހެއްގެ ހައިސިއްޔަތުން،" ރިތިކް ބުނެފައިވެ އެވެ.

ރިތިކް ބުނީ އެފަދަ ގޮތަކަށް ކެމްޕޭނުތަކެއް ކުރިއަށް ގެންދެވިއްޖެ ނަމަ ދުންފަތުގެ އިސްތިއުމާލު ކުރުމާ މެދު މީހުން ދެކޭ ގޮތް ބަދަލުވެ، ދުންފަތާ ދުރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.