ޑަޔާނާ ޕެންޓީ އަކީ 2012 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ކޮކްޓެއިލް" އިން އެކްޓިން ކެރިއަރު ފެށި އުންމީދީ އެކްޓްރެސް އެކެވެ. އެ ފިލްމުން އެކަނި ވެސް ޑަޔާނާ އަށް ތައުރީފުތައް އޮހިގެން ދިޔަ އެވެ.

ދީޕިކާ ޕަދުކޯން އަދި ސައިފް އަލީ ޚާން އާއެކު ކުޅުނު "ކޮކްޓެއިލް" އަށް ފަހު ޑަޔާނާގެ އިތުރު އެއްވެސް ފިލްމެއް ސްކްރީނަށް އައިސްފައެއް ނުވެ އެވެ. އެންމެ ފިލްމަކަށް ފަހު އޭނާ ބޮލީވުޑުން ގެއްލުނީ ކަމަށް ހީވި އެވެ. ނަމަވެސް މިހާރު މިވަނީ ޑަޔާނާގެ ދެވަނަ ފިލްމެއް ބެލުންތެރިންނާއި ހަމައަށް އައުމަށް ތައްޔާރުވެފަ އެވެ.

މުދައްސަރު އަޒީޒްގެ "ހެޕީ ބާގްޖާއެގީ" އަކީ ޑަޔާނާގެ ދެވަނަ ފިލްމެވެ. އޭނާގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް މި އަންނަނީ ހަތަރު އަހަރު ފަހުންނެވެ. މިހާ ދުވަސް ވަންދެން ޑަޔާނާ ފިލްމީ ދާއިރާ އިން ނުފެނުނީ ކީއްވެ ހެއްޔެވެ؟

"އަހަންނަށް ހުށަހެޅުންތައް ލިބުނު. އެކަމަކު އެއްވެސް ސްކްރިޕްޓެއް އެހާ ކަމުދާ ގޮތެއް ނުވި،" ފިލްމީ ދާއިރާއާ ދުރުގައި ހުރި ސަބަބު އޮޅުން ފިލުވައިދެމުން ޑަޔާނާ ބުންޏެވެ.

ޑަޔާނާ ބުނީ އޭނާ އަށް ފިލްމު ކުޅެން އެއްވެސް ކަހަލަ ޕްރެޝަރެއް ނެތް ކަމަށާއި އަވަސް އަރުވާލައިގެން ގިނަ ފިލްމުތަކެއް ކުޅުމުގެ ވިސްނުމެއް ވެސް ނެތް ކަމަށެވެ. އެހެންކަމުން އޭނާއާ އެންމެ ގުޅޭ ރަނގަޅު ފިލްމެއް ލިބެންދެން މަޑުކޮށްލީ ކަމަށް ޑަޔާނާ ބުނެ އެވެ.

"ކޮކްޓެއިލް އަށް ފަހު އެހެން ފިލްމަކަށް ތައްޔާރު ވެގެނެއް ނޫން ހުރީ. އަހަރެން ބޭނުންވީ އެއްވެސް ޕްރެޝަރެއް ނެތި މަސައްކަތް ކުރަން،" އޭނާ ބުންޏެވެ.

ޑަޔާނާ އިތުރަށް ބުނީ، އޭނާ އެއްކަހަލަ ރޯލުތަކެއް ކުޅެން ބޭނުން ނުވާ ކަމަށެވެ.

"ކޮކްޓެއިލް"ގައި ޑަޔާނާ ފެނިގެން ދިޔައީ ވަރަށް ކިޔަމަންތެރި އަދި މަޑުމައިތިރި މީހެއްގެ ރޯލުންނެވެ. ނަމަވެސް ކުރިއަށް އޮތް ފިލްމު "ހެޕީ ބާޖްޖާއެގީ" ގައި އޭނާ ފެނިގެން ދާނީ މުޅިން ތަފާތު ރޯލަކުންނެވެ.

އޯގަސްޓު 19 ވަނަ ދުވަހު ރިލީޒް ކުރާ ފިލްމުގައި ޑަޔާނާ އަދާކުރާނީ "ހެޕީ"ގެ ރޯލެވެ. އޭނާ އަކީ އެ ފިލްމުގައި ކައިވެނި ދޫކޮށް ފިލާ މީހެކެވެ. ޑަޔާނާ އެކު އެ ފިލްމުގައި ދެން ހަރަކާތްތެރި ވާނީ އަބޭ ޑިއޯލް އަދި އަލީ ފަޒާލް އެވެ.