14 Aug 2016, 10:23
ދަންވަރުގެ ވަގުތުތަކުގައި ތަފާތު އެކި ވިޔަފާރި ކުރުން އިތުރުވެފައިވާތީ އެކަން ހުއްޓުވުމަށް އިކޮނޮމިކް މިނިސްޓްރީގެ ޓީމްތަކުން މަސައްކަތް ފަށާފައިވާ ކަމަށް އެމިނިސްޓްރީން ބުނެފި އެވެ.
ރޭ ގަނޑު 10ގެ ފަހުން ފިހާރަތައް އަދި 12 ގެ ފަހުން ކެއިންބުއިމުގެ ހިދުމަތްދޭތަންތަނުން ވިޔަފާރި ކުރުން މަނާކޮށްފައިވާއިރު ދަންވަރު ވަގުތުތަކުގައި ތަފާތު އެކިއެކި ވިޔަފާރި ކުރާ ފަރާތްތައް ގިނަ އެވެ. އަދި ފަހަކަށް އައިސް ސޯޝަލް މީޑިއާ ޕޭޖްތައް ހަދައިގެން ދަނީ ދަންވަރު ވަގުތުތަކުތަކުގައި އޯޑަރަށް ކާބޯތަކެތި ޑެލިވާ ކޮށްދެމުންނެވެ.
ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް މިއަދު ސަން އަށް ވިދާޅުވީ އެފަދަ މައްސަލަތައް ފާހަގަ ކުރެވުމާ ގުޅިގެން އިންސްޕެކްޝަންތައް ކުރިއަށްގެންދާ ކަމަށާއި ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ފަރާތްތައް ޖޫރިމަނާކޮށް އެވަރުން ނުހުއްޓައިފި ނަމަ ފުލުހުން މެދުވެރިކޮށް ވެސް އެކަން ހުއްޓުވާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް ވިސާމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެފަދަ ވިޔަފާރިތައް ދެނެގަތުމަށް ދުވާލާއި ރޭގަނގަނޑު އިންސްޕެކްޝަންތައް ފަށާފައިވާ ކަމަށް ވިސާމް ވިދާޅުވި އެވެ.
ވިޔަފާރި ކުރުމުގެ ހުއްދަ ނަގައިގެން ކުރާ ވިޔަފާރިތަކުގެ ތެރެއިން މަނާ ގަޑިތަކުގައި ވިޔަފާރި ކުރާ ފަރާތްތަކުން ފުރަތަމަ ފަހަރަށް 2000 ރުފިޔާ އިން ޖޫރިމަނާކޮށް އެވަރުން ނުހުއްޓުވައިފި ނަމަ ހުއްދަ ބާތިލް ކުރެ އެވެ.
ވިޔަފާރިކުރުމުގެ ހުއްދަ ނުނަގައި އެކަން ކުރާނަމަ 10000 ރުފިޔާ އިން ޖޫރިމަނާ ކުރަމުން އަންނަ ކަމަށް ވިސާމް ވިދާޅުވި އެވެ.
އެފަދަ ގަވައިދާ ހިލާފް ކަންކަން ހުއްޓުވުމަށްޓަކައި އާންމުން ވެސް އެފަދަ ވިޔަފާރި ނުކުރުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.