14 Aug 2016, 10:26
ނިއުޔޯކް (އޮގަސްޓް 14): އެމެރިކާގެ ނިއުޔޯކުގެ މަގެއްގައި އިމާމަކާއި އޭނާގެ އެސިސެޓެންޓުގެ ބޮލަށް ބަޑި ޖަހައި މަރާލައިފި އެވެ.
ފުލުހުން ބުނި ގޮތުގައި 55 އަހަރުގެ އިމާމް މައުލާމާ އަކޮންޖީ އާއި އޭނާގެ އެސިސްޓެންޓު، ތަރައުއްދީންގެ ބޮލަށް، އެމީހުންގެ ފަހަތުން އައި މީހަކު ބަޑި ޖަހާފައި ވަނީ ނިއުޔޯކުގެ އަލް ފުރުގާން ޖޭމް މިސްކިތާ މާދުރު ނޫން ހިސާބަކުންނެވެ. އެ މިސްކިތަކީ ބަންގުލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ގޮސް އުޅޭ މިސްކިތެކެވެ.
ބަޑިއެއް ހިފައިގެން ހުރި މީހަކު އެ ސަރަހައްދު ދޫކޮށް ދިޔަ މަންޒަރު ސީސީޓީވީ ކެމެރާ އިން ފެނުނު ނަމަވެސް ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ނިއުޔޯކުގެ މުސްލިމުން ވަނީ އިންސާފުވެރިކޮށް މައްސަލަ ބެލުމަށް ގޮވާލާފައި -- ފޮޓޯ: އެންވައިޑެއިލީ
ރިޕޯޓުތަކުގައިވާ ގޮތުން އިމާމް މައުލާމާ ބަންގުލަދޭޝް އިން ނިއުޔޯކަށް ބަދަލުވެފައި ވަނީ މީގެ ދެ އަހަރު ކުރިންނެވެ. އިމާމް މައުލާމާގެ އެކުވެރިން ބުނި ގޮތުގައި އޭނާ މަރާލާފައި ވަނީ ނަމާދުކޮށް ނިންމާފައި ދިޔަ މަގުމަތީގަ އެވެ. އަދި "ހޭޓް ކްރައިމް"އެއްގެ ގޮތުގައި މައްސަލަ ބެލުމަށް އެދިފަ އެވެ.
ނަމަވެސް ފުލުހުން ވަނީ އެދެމީހުން މަރާލާފައި ވަނީ ދީނުގެ ސަބަބުން ކަން އަދި ޔަގީން ނުވާ ކަމަށާއި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ. (ބީބީސީ)