އައިއެސް ޖަމާއަތް، 2015 ވަނަ އަހަރުން ފެށިގެން ވަނީ ބަލިވާން ފަށާފަ އެވެ. އަދި 2016 ވަނަ އަހަރަކީ އިރާގާއި ސޫރިޔާއާއި އެނޫން ވެސް ގައުމުތަކުގައި އައިއެސް ޖަމާއަތް މާބޮޑަށް ބަލިވަމުންދާ އަހަރެކެވެ.

ތިރީގައި މި ވަނީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު އައިއެސް ޖަމާއަތަށް ލިބިފައިވާ ނާކާމިޔާބީތަކާ ބެހޭ ކުރު ޚުލާސާއެކެވެ.

އިރާގުގައި

  • 31 މާޗް 2015 : އިރާގު ސިފައިން އެގައުމުގެ އުތުރުގެ ރަށެއް ކަމަށްވާ ތިކްރީތު އައިއެސްގެ އަތްދަށުން މިނިވަންކުރި އެވެ. ގަދަފަދަ ހަނގުރާމައެއްގައި އިރާގު ސިފައިން ތިކްރީތުގައި އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށް އެޖަމާއަތުގެ ގިނަ ބަޔަކު މަރާލީ އެމެރިކާއާއި އީރާނުގެ އަސްކަރީ އެހީތެރިކަމާ ވެސް އެކުގައެވެ.

  • 13 ނޮވެމްބަރު 2015 : އިރާގުގެ ކުރުދީ ބާރުތަކުން އިރާގުގެ އުތުރުގެ ރަށެއް ކަމަށް ވާ ސިންޖާރު، އައިއެސްގެ އަތްދަށުން މިނިވަންކުރި އެވެ. އައިއެސް އިން ސިންޖާރު ހިފައި އެރަށުގެ ރައްޔިތުން އަޅުވެތި ކުރީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އައިއެސްގެ އަޅުވެތިކަމުގައި ސިންޖާރު އޮތް ދުވަސްވަރު އެޖަމާއަތުންވަނީ އެރަށުގައި ދިރިއުޅޭ އިރާގުގެ ބައިމަދު ޖަމާއަތެއްގެ ބައެއްކަމަށްވާ އިޒީދީ ދަރިކޮޅުގެ މީހުން ގެ އެތަށް ސަތޭކަ ބަޔަކު ވަރަށް އަނިޔާވެރި ގޮތްގޮތަށް މަރައި އެމީހުންގެ އަންހެނުން ރޭޕްކޮށް އެދަރިކޮޅުގެ ނަސްލު ނައްތާލުމަށް ޓަކައި ބޮޑެތި ޖަރީމާތަކެއް ހިންގާފައެވެ.
  • 9 ފެބްރުއަރީ 2016 : އިރާގު ސިފައިން އިރާގުގެ ހުޅަނގުގެ ރަށެއްކަމަށްވާ އައްރަމާދީ އައިއެސްގެ ވަކިތަކުން މިނިވަންކުރިއެވެ. މިއާއެކު އިރާގުގައި އައިއެސްގެ ބާރު ކުޑަވާންފެށިއެވެ.
  • 26 ޖޫން 216 : އިރާގު ސިފައިން އައިއެސްގެ ވަކިތަކުން ފައްލޫޖާ މިނިވަންކުރިއެވެ. ފައްލޫޖާ މިނިވަން ކުރެވުނީ ދޮޅުމަހުގެ ވަރުގަދަ ހަނގުރާމައަކަށްފަހުއެވެ.

ސޫރިޔާގައި

  • 26 ޖަނަވަރީ 2015 : ސޫރިޔާގެ ކުރުދީ ބާރުތަކުން ސޫރިޔާގެ އުތުރުގެ ރަށެއްކަމަށްވާ ކުބާނީ އައިއެސްގެ އަތްދަށުން މިނިވަންކޮށް އައިއެސްގެ އެތަށް ސަތޭކަ ހަނގުރާމަވެރިއަކު މަރާލިއެވެ. ކުބާނީ މިނިވަންކުރެވުނީ 4 މަސްދުވަހުގެ ވަރުގަދަ ހަނގުރާމައަކަށްފަހުގައެވެ.

  • ޖޫން 2015 : ސޫރިޔާ ގެ ކުރުދީ ބާރުތަކުން އެގައުމުގެ ރަށެއްކަމަށްވާ ތެލްއަބްޔަޟު އައިއެސްގެ އަތްދަށުން މިނިވަންކޮށް އައިއެސް ގެ ހަނގުރާމަވެރިންނަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. މިއީ ދުނިޔޭގެ ކަންކޮޅު ތަކުން އައިއެސް އާ ގުޅުމަށް އަންނަ މީހުން ތުރުކީގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ސޫރިޔާއަށް ވަންނަ ސަރަހައްދެކެވެ.
  • 27 މާޗް 2016 : ސޫރިޔާ ސިފައިން އެގައުމުގެ ތާރީޚީ ރަށެއްކަމަށްވާ ތަދްމުރު އައިއެސްގެ ވަކިތަކުން މިނިވަންކުރިއެވެ. މިރަށް މިނިވަންކުރުމުގައި ރަޝިޔާއާއި ލުބްބާނުގެ ހިޒްބުﷲ ގެ އެހީތެރިކަން ސޫރިޔާ ސިފައިންނަށް ލިބިފައިވެއެވެ.
  • 12 އޮގަސްޓް 2016 : ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސް.ޑީ.އެފް) ޖަމާއަތުން ސޫރިޔާގެ ރަށެއްކަމަށްވާ މަންބަޖް އައިއެސްގެ އަތްދަށުން މިނިވަން ކުރިއެވެ. މިއާއެކު އެރަށުގެ އާންމު ރައްޔިތުންގެ އެތަށް ހާސްބަޔަކު އެނބުރި އެރަށަށް ރުޖޫއަވާން ފެށިއެވެ. މަންބަޖުން އައިއެސް ޖަމާއަތް ފައްސާލީ އެމެރިކާގެ އަސްކަރީ އެހީތެރިކަމާއެކު ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސް.ޑީ.އެފް) އިން ކުރި ވަރުގަދަ ހަނގުރާމައެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. މަންބަޖް ހިފައިގެން އޮތް ދުވަސްވަރު އައިއެސްގެ ހަނގުރާމަވެރިންވަނީ އިންސާނީ އައްޑަނައެއްގެ ގޮތުގައި މަންބަޖްގެ ބައެއް އާއިލާތަށް ބޭނުންކޮށް މަންބަޖްގެ އާންމުން މަރައި އެމީހުންނަށް ބޮޑެތި އަނިޔާތަކެއް ދީފައެވެ.

ލީބިޔާގައި

  • 9 ޖޫން 2016 : ލީބިޔާ ގެ ސަރުކާރުގެ ބާރުތަކުން އެގައުމުގައިވާ އައިއެސްގެ އެންމެ ބޮޑު މަރުކަޒުކަމަށްވާ ސިރްތު އަށް ވަދެގަނެ އައިއެސްގެ އެތަށް ބަޔަކު މަރާލިއެވެ.

  • 11 އޮގަސްޓް 2016 : ލީބިޔާގެ ސިރްތުގެ ބޮޑުބައެއް އައިއެސްގެ އަތްދަށުން މިނިވަންކޮށް ސިރުތުގައިވާ އައިއެސްގެ ކޮމާންޑިން ސެންޓަރު ލީބިޔާ ގެ ސަރުކާރުގެ ބާރުތަކުން ހިފިއެވެ.

(ނޫސްއެޖެންސީތައް)