14 Aug 2016, 08:48
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓު ޗެމްޕިއަންޝިޕްގެ ޒޯން ދޭއްގެ ފައިނަލުން ފިހާޅޮހި ޖާގަ ހޯދައިފި އެވެ.
ފިހާޅޮހިން ފައިނަލްގެ ޖާގައެއް ހޯދާފައިވަނީ ޒޯން ދޭއްގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި ފިހާޅޮހި ވަނީ ޖުމެއިރަށް ވިއްޓަވެލި އަތުން މޮޅުވެފަ އެވެ.
ޖުމައިރަށް ވިއްޓަވެލި އަތުން ފިހާޅޮހި މޮޅުވެފައިވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ފިހާޅޮހިން ގެންދިޔައީ 14-25، 11-25 އަދި 13-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ފިހާޅޮހީގެ ގައުމީ ޓީމު ކުޅުންތެރިޔާ އަޝްފާގު އާދަމް (އައްކަޅޭ) އެވެ.
އެ މުބާރާތުގެ ޒޯން ދޭއްގައި ވާދަކުރަނީ ޖުމްލަ ތިން ޓީމެކެވެ. އެހެންކަމުން ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ޖާގައެއް ލިބޭ އިރު، ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެން ހިމެނޭ ދެ ޓީމު ކުޅޭ ސެމީ ފައިނަލުގެ މެޗުން މޮޅުވާ ޓީމަކަށެވެ. ޒޯން ދޭއްގައި ވާދަކުރާ ތިން ޓީމަކީ ފިހާޅޮހި އާއި، ޖުމައިރަށް ވިއްޓަވެލި އަދި އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓެވެ.
މި މަހުގެ 20 ވަނަ ދުވަހު ކުޅޭ ޒޯން ދޭއްގެ ފައިނަލުގައި ފިހާޅޮހިއާ ދެކޮޅަށް ނުކުންނާނީ ޖުމެއިރަށް ވިއްޓަވެލި އާއި އޮޅުވެލި ބީޗް އެންޑް ސްޕާ ބައްދަލުކުރާ ސެމީގެ މެޗުން މޮޅުވާ ޓީމެކެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ސެމީގެ ކުރިން ލީގު ބުރުގެ ދެވަނަ އަދި ތިންވަނަ ޓީމު ހޮވުމަށް މި މަހުގެ 16 ވަނަ ދުވަހު ޖުމެއިރަށް ވިއްޓަވެލި އާއި އޮޅުވެލި ބީޗް އެންޑް ސްޕާ ނުކުންނާނެ އެވެ.

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގައި މީރު އައިލެންޑާއި ބަންޑޮސް މޯލްޑިވްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ބަނޑޮސް މޯލްޑިވްސް --- ފޮޓޯ: ވީއޭއެމް
އިއްޔެ ކުޅުނު ޒޯން އެކެއްގެ މެޗުގައި މީރު އައިލެންޑް އަތުން ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ބަނޑޮސް މޯލްޑިވްސް ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ބަނޑޮހުން ގެންގޮސްފައިވަނީ 21-25، 18-25 އަދި 19-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ބަނޑޮސް ޓީމުގެ ގައުމީ ޓީމު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
ޒޯން ފަހެއްގައި އިއްޔެ ކުޅުނު މެޗުގައި އަނަންތަރާ ކިހަވަށް ވިލާސް އަތުން 3-2 ސެޓުން ސޮނޭވާ ފުށި ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ސޮނޭވާ އިން ގެންދިޔައީ 30-28، 26-28، 18-25، 25-22 އަދި 12-15 އިންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސޮނޭވާގެ ބިދޭސީ ކުޅުންތެރިޔާ ޑޮން ސުމެދާ ޗަމްޕިކާ އެވެ.

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން ފަހެއްގައި އަނަންތަރާ ކިހަވަށް ވިލާސް އާއި ސެޮނޭވާ ފުށި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-2 ސެޓުން ކާމިޔާބުކުރީ ސޮނޭވާ --- ފޮޓޯ: ވީއޭއެމް
އެ މުބާރާތުގެ ޒޯން ހަތަރެއްގެ ކުޅުން މިހާރު ވަނީ ނިމިފަ އެވެ. ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސްޕާ ވާދަކުރި އެ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސަން އައިލެންޑެވެ.